ރަށުގައި ތާރުއަޅައިގެން މަގުހެދުމުގެ ބަދަލުގައި ރަށުގެ މަގުތަކުގައި ފެންހެދޭ މައްސަލަ ހައްލުކޮށްދެއްވައި މަގުގެ ބޭނުން ހިފޭގޮތަށް މަސައްކަތްކޮށްދެއްވުމަށް މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ އަރިހު އެދިއްޖެއެވެ.

ކަމަދޫ ކައުންސިލުން މި ކަމަށް އެދިފައިވަނީ ރައީސް ޑރ. މުއިއްޒު، ކަމަދޫ ކައުންސިލާ އ.ތ.މ ކޮމިޓީއާ ބައްދަލުކުރައްވައި އެރަށުގެ ތަރައްގީގެ އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން ބޭއްވި މަޝްވަރާ ބައްދަލު ވުމުގައެވެ.

މި ބައްދަލުކުރެއްވުން އޮތީ ބ. ކެންދޫ ކައުންސިލުގެ އިދާރާގައެވެ.

ކަމަދޫ ކައުންސިލުން އިތުރަށް ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށްގިރުމުގެ މައްސަލައާ ކަރަންޓުގެ ހާލަތާމެދު އޮތް ކަންބޮޑުވުމާއި ރަށުގައި ލޯކަލް ޓުއަރިޒަމް ތަރައްގީވެ ގިނަ ބަޔަކު ރަށުގައި ދިރިއުޅުނު ނަމަވެސް ރަށަކީ އާބާދީ މަދު ރަށެއްކަމުގައިވާތީ އެރަށަށް ލިބޭ ވަސީލަތްތައް މަދުވީމާ ކުރިމަތިވާ ގޮންޖެހުންތައް ހިމެނެއެވެ.

މީގެ އިތުރުން ކަމަދޫއަށް އިގިތިސާދީ މަންފާލިބޭގޮތަށް ބ.މަދިރިވާދޫ ކަމަދޫގެ ކައުންސިލަށް ލިބޭގޮތަށް ހަމަޖައްސައިދެއްވުމަށް އެދުމާއި ރަށުގެ އިޖުތިމާއީ ތަރައްގީއަށް މުހިންމު ކަންތައްތައް ވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ އެކޮމިޓީއަށް އެކަށީގެންވާ ބަޖެޓު ނުލިބޭތީ ކުރިމަތިވާ ދަތިތައް ހިއްސާކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކަމަދޫ ކައުންސިލުން އެދިވަޑައިގެންނެވި ކަންކަމަށް ސަމާލުކަން ދެއްވައިގެން އެކަންކަން ކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ.