އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް އަދި ޝެފީލްޑް ޔުނައިޓެޑު ބައްދަލު ކުރި މެޗު, 6-0 ގެ ތަފާތުން ބޮޑު ނަތީޖާއިން އާސެނަލް ކާމިޔާބު ކޮށްފިއެވެ.

ޝެފީލްޑްގެ އަމިއްލަ ދަނޑުކަމުގައިވާ ބެރެލް ލޭނު ސްޓޭޑިއަމްގައި ކުޅުނު މެޗު, އާސެނަލުން ފެއްޓީ ވަރުގަދަކޮށެވެ. އެގޮތުން މެޗުގެ ފުރަތަމަ 5 މިނެޓު ތެރޭގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މިލަނޑަކީ އާސެނަލުގެ މިޑްފީލްޑަރު މާޓިން އޮޑެގާ ކާމިޔަބު ކޮށްދިން ލަނޑެކެވެ. މެޗުގެ 13 ވަނަ މިނެޓުގައި ޝެފީލްޑްގެ ޖޭޑެން ބޮއިލްގެ އަތުން ބައިކޮޅަށް ވަދެގެންދިޔަ ލަނޑާއެކު އާސެނަލުން ވަނީ އެޓީމުގެ ލީޑު ދެގޯލަށް ފުޅާކޮށްފައެވެ.

މެޗުގެ 15 ވަނަ މިނެޓުގައި އާސެނަލްގެ ފޯވާޑު ގެބްރިއެލް މާޓިނެއްލީ ކާމިޔާބު ކޮށްދިން ލަނޑާއެކު އެޓީމުން ވަނީ މެޗުގެ ފުރަތަމަ 15 މިނެޓުގެ ތެރޭގައި ތިން ގޯލުގެ ލީޑެއް ނަގާފައެވެ. އާސެނަލްގެ ހަތަރު ވަނަ ލަނޑު ފެނިގެންގޮސްފައި ވަނީ މެޗުގެ 27 ވަނަ މިނެޓުގައެވެ. މިލަނޑަކީ މިސީޒަނުގައި އާސެނަލްއާ ގުޅުނު ކުޅުންތެރިޔެއް ކަމުގައިވާ, ކައި ހަވާޓްޒް ކާމިޔާބު ކުރި ލަނޑެކެވެ. މެޗުގެ 39 ވަނަ މިނެޓުގައި ޑެކްލަން ރައިސް ކާމިޔާބު ކުރި ލަނޑާއެކު އާސެނަލުން ފުރަތަމަ ހާފު ނިންމާލީ ފަސް ގޯލުގެ ލީޑަކުން ކުރީގައި އޮވެގެންނެވެ.

އާސެނަލްގެ ފަހު ގޯލު ފެނިގެންދިޔައީ ދެވަނަ ހާފުގެ 58 ވަނަ މިނެޓުގައެވެ. މިލަނޑަކީ އާސެނަލްގެ ޑިފެންޑަރު ބެން ވައިޓް ކާމިޔާބު ކޮށްދިން ލަނޑެކެވެ. މެޗު ނިމިގެންދިޔައިރު ޝެފީލްޑަށް ސުން ކަނޑާނުލެވުނު އިރު, އާސެނަލްގެ ގޯލަށް އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއް ނުވެއެވެ.

މިލިބުނު ބޮޑު މޮޅާއެކު އާސެނަލުން ވަނީ އެއް ވަނައިގައި އޮތް ލިވަޕޫލާ އޮތް ފަރަގު އެންމެ ދެޕޮއިންޓަށް ކުޑަ ކޮށްފައެވެ. އާސެނަލުން އޮތީ ކުޅުނު 27 މެޗުން ލިބުނު 61 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ. އެއްވަނައިގައި އޮތް ލިވަޕޫލަށް ލިބިފައިވަނީ ކުޅުނު 27 މެޗުން 63 ޕޮއިންޓެވެ. ދެވަނައިގައި އޮތް ސިޓީއަށް ލިބިފައިވަނީ 62 ޕޮއިންޓެވެ. މެޗުން ބަލިވި ޝެފީލްޑް އޮތީ, ކުޅުނު 27 މެޗުން ލިބުނު 13 ޕޮއިންޓާއެކު ތާވަލުގެ ފުލުގައެވެ.