މެންޗެސްޓާ ސިޓީގެ ޒުވާން ތަރި އާލިންގް ހާލަންޑް އޭނާ އެކްލަބުގައި ހުރީ ވަރަށް އުފަލުގައި ކަމަށް ހާމަކޮށްފިއެވެ.

ހާލަންޑް އޭނާ ސިޓީގައި ހުރީ ވަރަށް ހިތްހަމަޖެހިގެން ކަމަށް ހާމަކޮށްފައިވަނީ އޭނާ ރެއާލް މެޑްރިޑަށް ދާން އުޅޭ ކަމުގެ ހަބަރުތަކެއް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ. ސިޓީގައި އޭނާ މިވަގުތު ހުރީ ވަރަށް އުފަލުގައި ކަމަށް އޭނާ ހާމަކުރީ ކުރިއަށް އޮތް, ޗެމްޕިއަންސް ލީގުގައި ކޮޕެންހޭގަންއާ ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން ދިން އިންޓަވިއުއެއްގައެވެ.

"އަހަރެން ސިޓީގައި މިހުރީ ވަރަށް އުފަލުގައި. އަހަރެން ވަރަށް ހިތްހަމަޖެހޭ މިކްލަބުގެ ކޯޗާ, ޑައިރެކްޓަރުންނާއި ކްލަބުގެ ބޯޑާ މެދު" އިންޓަވިއުގައި ވާހަކަދައްކަމުން ހާލަންޑް ބުންޏެވެ.

މިވަގުތު ސިޓީގައި އުފަލުގައި ހުރިކަމުގައިވިއަސް ކުރިއަށް އޮތް ތަނުގައި ވެދާނެ ކަމެއް ބުނަން ދަތިކަމަށް ހާލަންޑް ވަނީ ބުނެފައެވެ.

ހާލަންޑް ސިޓީއާ ގުޅުނީ 2022 ވަނަ އަހަރުގެ ޖުލައި މަހުގައެވެ. އޭނާ ސޮއި ކަށަވަރުކުރުމަށް ސިޓީއިން ވަނީ 64 މިލިއަން ޑޮލަރު ހޭދަކޮށްފައެވެ. ސިޓީއާ ގުޅުނު ފަހުން ހާލަންޑް ވަނީ ގޯލު ޖެހުމުގެ އެތައް ރެކޯޑެއް މުގުރާލާފައެވެ. އެގޮތުން މިދިޔަ ސީޒަނުގައި އޭނާ ވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑު ކާމިޔާބު ކުރިކަމުގެ ރެކޯޑު ހަދާފައެވެ. އޭނާ ކުރީގެ ރެކޯޑު ކަމުގައިވާ 32 ގޯލުގެ ރެކޯޑު މުގުރާލީ އެސީޒަނުގައި 36 ލަނޑު ކާމިޔާބު ކޮށްގެންނެވެ. މިސީޒަނުގައި ވެސް ހާލަންޑް ވަނީ ޕްރިމިއާ ލީގުގައި 18 ލަނޑު ޖަހާފައެވެ. އޭނާއަކީ މިސީޒަނުގައި ވެސް ލީގުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ކާމިޔާބު ކޮށްފައިވާ ކުޅުންތެރިޔާކަން ފާހަގަކޮށްލަން ޖެހެއެވެ.