ވީހާވެސް އަވަހަކަށް މަސްފެކްޓްރީއެއް ގާއިމުކޮށްދިނުމަށް ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އަރިހު އެދިއްޖެއެވެ.

އެ ރަށު ކައުންސިލުން މި ކަމަށް އެދިފައިވަނީ ރައީސް ޑރ. މުއިއްޒު އެ ކައުންސިލާއި އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީއާ ބައްދަލުކުރައްވައި އެރަށް ތަރައްގީކުރުމަށް އެންމެ ބޭނުންވާ ކަންކަމާ ގުޅޭގޮތުން ބޭއްވި މަޝްވަރާ ބައްދަލުވުމުގައެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ކުޑަހުވަދޫ އަތޮޅު ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން އިތުރަށް ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ކުޑަހުވަދޫގެ ބަނދަރުގެ ދަތިކަން ފާހަގަކުރައްވައި، ރައްޔިތުން ބަނދަރު މަޝްރޫއު ކުރިއަށްގެންދިއުމަށް ބޭނުންވާގޮތްތައް ތަފުސީލީ ގޮތެއްގައި ރައީސް އާއި ހިއްސާކުރެއްވިއެވެ. އަދި ކުޑަހުވަދޫގައި އަލަށް އާބާދުވާ ސަރަހައްދުގައި ފެނާ، ކަރަންޓުފަދަ އަސާސީ ހިދުމަތްތައް އަވަސް މުސްތަގްބަލެއްގައި ލިބޭނެ ގޮތް މަގުފަހިކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުންވެސް ރަށުގައި ހައުސިންގ ޔުނިޓްތައް އިތުރުކޮށްދެއްވުމަށާއި، ރަށް ގިރުމުގެ މައްސަލައަށް ހައްލެއް ހޯދައިދެއްވުމަށާއި، އަދި ރަށުން ލިބޭ ސިއްހީ ހިދުމަތްތައް ހަރުދަނާ ކުރުމަށް ބޭނުންވާކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ކުޑަހުވަދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީން ވަނީ ކުޑަހުވަދޫއިން ކުރިން ދެމުންދިޔަ އައި.ޑީ ކާޑު ހިދުމަތް އަލުން ރަށުން ލިބޭނެ ގޮތް ހައްދަވާދެއްވުމަށް އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން އަދި ސަރުކާރު މުވައްސަސާތަކުގެ އިސް ވެރިން މެދުވެރިކުރައްވައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.