ޝީޝާ ޕްރައިވެޓް ލިމިޓެޑް އަދި އެލައިޑް އިންޝުއަރެންސް ކޮމްޕެނީ ''ރައްކާ ރޯޑް ސޭފްޓީ ޕާޓްނަޝިޕް'' އެއްބަސްވުމުގައި ދިވެހި ފުލުހުންގެ ހިދުމަތާއެކު ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މިކަމަށްޓަކައި އިސްކަންދަރު ބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ފުލުހުންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ ކަމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީންއެވެ. ޝީޝާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އޮޕަރޭޝަން އެންޑް މާކެޓިން މެނޭޖަރ ފާޠިމަތު ޖުމާންއެވެ. އެލައިޑް އިންޝުއަރެންސް ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރ އިބްރާހީމް ފިރުޝާންއެވެ.

މި ރަސްމިއްޔާތުގައި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ރަޝީދު އަދި ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަން ހެޑް ސުޕްރިންޓެންޑެންޑް އޮފް ޕޮލިސް އަޙްމަދު ފަސީޙް، އެވެއާނަސް އެންޑް ޕްރިވެންޝަން ޔުނިޓުގެ ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ވަސީމާ ޙަސަން، ރޯޑް އިންޖިނިއަރިންގ ޔުނިޓުހެ ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ދިންހާމްގެ އިތުރުން ޝީޝާ، އަދި އެލައިޑް އިންޝުއަރެންސް ކޮމްޕެނީގެ އިސް މުވައްޒަފުންނާ އަދި ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަންގެ މުވައްޒަފުން ބައިވެރިވެލެއްވިއެވެ.

އެއްބަސްވުމުގައި ސޮއިކުރައްވައި، ޑެޕިއުޓީ ކަމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ދެއްކެވި ވާހަކަފުޅުގައި، މީ މީގެ 10 އަހަރު ކުރިން ފެށި މި މަސައްކަތެއްކަމަށާއި މިކަމުގައި ވަރަށް ގިނަގުނަ ދަތިތަކަކާ ކުރިމަތި ލާންޖެހުނުކަމަށާ އަދި މިކަމަކީ މަގުމަތީގައި އުޅަނދު ދުއްވާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތްކުރުމަށް ކުރަމުންދާ ކަމެއްކަމަށް ވިދާޅުވިއެވެ.އަދި ރާއްޖޭގައި މަސައްކަތްކުރާ ބޮޑެތި ކުންފުނިތަކާއި ވިޔަފާރިވެރިން ރޯޑް ސޭފްޓީ ކެމްޕެއިނާ ގުޅިވަޑައިގެން އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިލެއްވިއެވެ.

އަދި މި ޕްރޮގްރާމަކީ ހަމައެކަނި ސްކޫލުތަކުގެ ދަރިވަރުންނަށް ގެންދާ ޕްރޮގްރާމެއް ނޫންކަމަށާއި ރާއްޖޭގެ އެކި ސަރަހައްދުގައި ބިލްބޯޑުތައް ބަހައްޓައި ހާއްސަކޮށް އެކްސިޑެންޓުތައް ހިނގާ ސަރަހައްދުގައި ބިލްބޯޑުތައް ސަމާލުކަން ގެނައުމަށްޓަކައި ހަރުކުރެވިގެން ދާނެކަމަށް ވިދާޅުވިއެވެ. އޭގެ އިތުރުން ޓެކްސީ ޑްރައިވަރުންނަށް ހިންގާ ޕްރޮގްރާމަކީ އަބަދުވެސް ހިންގަންޖެހޭ ޕްރޮގްރާމެއް ކަމަށާއި ރާއްޖޭގައި ޑްރައިވިންގ ލައިސަންސް ޓެސްޓް ހަދާ ފަރާތްތަކުގެ އިންސްޓްރަކްޓަރުންނަށް މި އަހަރު ތެރޭގައި މި ޕްރޮގްރާމު ފެށިގެން ދާނެކަމަށާއި ޑްރައިވިންގ ލައިސަންސް ނަގާފަރާތްތަކަށް މި ޕްރޮގްރާމުގެ ކޮންމެވެސް ވަރެއް ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުން ގަވާއިދުތައް އިންސްޓްރަކްޓަރުންގެ ފަރާތުން އެނގިގެންދާނެކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، ޝީޝާގެ އޮޕަރޭޝަން އެންޑް މާކެޓިން މެނޭޖަރ ފާތުމަތު ޖުމާން ދެއްކެވި ވާހަކަފުޅުގައި، މި ޕްރޮގްރާމް ކާމިޔާބުވަނީ ހުރިހާ އެންމެން އެކީގައި މަސައްކަތްކުރާތީކަމަށާއި މީ ޝީޝާގެ ފަރާތުން މި ޕްރޮގްރާމުގައި ބައިވެރިވާތާ ތިންވަނަ އަހަރުކަމަށާއި ސްޕޮންސަރއެއް ދީފައި ނިންމާލަނީ ނޫންކަމަށާއި އަމަލީގޮތުން ބައިވެރިވާކަމަށް ވިދާޅުވިއެވެ. އަދި ގްލޯބަލީ ހޮންޑާގެ އޮތޮރައިޒް ޑިސްޓިބިއުޓަރ ކަމަށް ތިބެ ޒިންމާއެއްކަމަށާއި ހޮންޑާގެ އުޅަނދެއް ދުއްވާ ފަރާތެއްގެ ސަލާމަތާއި ރައްކާތެރިކަމަކީ ޒިންމާއެއް ކަމަށް ގަބޫލުކުރައްވާކަމަށް ވިދާޅުވިއެވެ.

އެލައިޑް އިންޝުއަރެންސް ކޮމްޕެނީގެ ޖެނެރަލް މެނޭޖަރ އިބްރާހީމް ފިރުޝާން ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ހުރި ހުރިހާ މަގުތަކަކީ މަގު ބޭނުންކުރާ ފަރާތްތަކަށް ރައްކާތެރި ތަނަކަށް ހެދުމަށް އެ އުންމީދުގައި މި ޕްރޮގްރާމުގައި ބައިވެރިވެލެއްވިކަމާއި ކޯޕަރޭޓިވް ސޯޝަލް ރެސްޕޯންސްގެ ދަށުން އެންމެ މުހިންމު އެއް ކޮންޕޯނަންޓަކީ ރައްކާ ޕްރޮގްރާމް ކަމަށާއި ވަކި ކުންފުންޏަކުން އިސްތިސްނާނުވެ ހުރިހާ އެންމެން ގުޅިގެން މަސައްކަތްކޮށްގެން މަގުތައް ރައްކާތެރިތަނަކަށް ހެދޭނެކަމަށް ވިދާޅުވިއެވެ.