ކުޑަހުވަދޫއަކީ ރާއްޖޭގައި ގާއިމުކުރާ 7 އާބަން ސެންޓަރުގެ ތެރޭގައި ހިމެނޭ ރަށެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ދ. ކުޑަހުވަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ރާއްޖެ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކުރުމަށްޓަކައި ރާއްޖެ އެކި ޒޯންތަކަށް ބަހާލައިގެން އަދި އެއްފަސްކުރުމުގެ ސިޔާސަތެއްގެ ދަށުން ތަރައްގީކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އެގޮތުން އެމަނިކުފާނު ވަނީ ރާއްޖޭގެ އެންމެ އުތުރުގެ 4 އަތޮޅަކީ ޑިވެލޮޕްމަންޓު ޒޯނެއްގެ ގޮތުގައި އަދި އެންމެ ދެކުނުގެ 4 އަތޮޅުވެސް ޑިވެލޮޕްމަންޓް ޒޯނެއްގެ ގޮތުގައި ތަރައްގީކުރެވިގެންދާނެކަމުގައި ވިދާޅުވެފައެވެ. މީގެ އިތުރުން ހިމެނޭ ސަރަހައްދުތަކުން މާލެސިޓީ ނުހިމަނާ އިތުރު 7 އާބަން ސެންޓަރެއް އެންމެ މަތީ ފެންވަރުގެ ހިދުމަތްތަކާއެކު ތަރައްގީ ކުރައްވާނެކަމުގައި ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ ކުޑަހުވަދޫއަކީވެސް އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރާއިރު ކައުންސިލުން ފާހަގަކުރެއްވި ހުރިހާ ކަމެއްވެސް ފުރިހަމަވެގެންދާނެކަމުގައެވެ. އެގޮތުން ބަނދަރުވެސް ބޮޑުކޮށް ރަނގަޅުފެންވަރެއްގައި ތަރައްގީކުރުމާއި ކޮމާޝަލް ހާބަރެއް ތަރައްގީކުރުމާއި ހޮސްޕިޓަލުގެ ހިދުމަތްތައް އިތުރުކޮށް ފެންވަރު މަތިކުރުމާއި ހޮސްޕިޓަލުގެ އާއިމާރާތެއް އެޅުމާއި މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމުކުރުމާއި އަދި އެނޫންވެސް އާބަންސެންޓަރެއްގައި ހުންނަންޖެހޭ ހުރިހާކަމެއް ގާއިމުކުރެވޭނެކަމުގައި ރައީސް ވިދާޅުވިއެވެ.