މާލެއަށް ނުގޮސް އަތޮޅު ތެރެއިން ޕާސްޕޯޓް އަދި އައި.ޑީ ކާޑު ނެގޭނެ ގޮތް މަގުފަހިކޮށްދެއްވުމަށް ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އަރިހު އެދިއްޖެއެވެ.

އެ ކައުންސިލުން މިކަމަށް އެދިފައިވަނީ ރައީސް މުޢިއްޒު އެ ކައުންސިލާ ބައްދަލުކުރައްވައި މުޅި އަތޮޅުގެ ތަރައްގީއަށް އެންމެ މުހިންމުވާ ކަންކަމާ ގުޅޭގޮތުން ބޭއްވި މަޝްވަރާ ބައްދަލުވުމުގައެވެ.

މި ބައްދަލުކުރެއްވުން އޮތީ ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން އިތުރަށް ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އަތޮޅުގެ ރަށްތަކަށް އާމްދަނީ ހޯދުމަށް ބޭނުންވާކަމަށާއި، މަސް ފެކްޓްރީގެ ކަންކަން އަވަހަށް ނިމުން އެދޭ ކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުންވެސް އަތޮޅުގައި ހުރި ފަޅުރަށްތަކަށް އިންވެސްޓަރުން ގެނެސް އެރަށްތަކުން ނަފާވެރިކަން އަތޮޅުގެ ކައުންސިލްތަކަށް ލިބޭނެ މަގު ތަނަވަސްވެގެން ދިއުން އެދޭކަމަށާއި، މުޅި އަތޮޅުގެ ކުނި މެނޭޖުކުރުމަށް ރަނގަޅު ގޮތެއް ބޭނުންވާކަމަށާއި، އަތޮޅު ހޮސްޕިޓަލުގެ ހިދުމަތް ރަނގަޅުވުމަށް އެދޭކަމަށާއި، އަދި އަތޮޅުގެ ދަތުރު ފަތުރުގެ ނިޒާމް ހަރުދަނާކުރުމަށް ބޭނުންވާކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި ދައުލަތުގެ އިސްވެރިން މެދުވެރިކުރައްވައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.