ކަރަންޓުގެ ހިދުމަތުގައި ހުރި ގޮންޖެހުންތައް ނިލަންދެއަތޮޅު ދެކުނުބުރީ ރިނބުދޫ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުއާ ހިއްސާކޮށްފިއެވެ.

އެ ކައުންސިލުން މި ކަން ހިއްސާކޮށްފައިވަނީ ރައީސް، ރިނބުދޫ ކައުންސިލާއި އ.ތ.މ ކޮމިޓީއާ ބައްދަލުކުރައްވައި އެރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން ބޭއްވި މަޝްވަރާކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުން އޮތީ ރޭ ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ބޯހިޔާވަހިކަން ފަހިކޮށްދެއްވުމަށާއި، ރަށުގެ ރައްޔިތުންނަށް ލެބޯޓްރީގެ ހިދުމަތް ބޭނުންވާކަމަށާއި، ސުކޫލުގެ ޖާގައިގެ ދަތިކަމާއި، އާ މިސްކިތެއް ބޭނުންވާކަމަށާއި، ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަން ހުރިކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ކައުންސިލް އިދާރާތަކުގެ އައު އިމާރާތްތައް ހެދުމުގައި މި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތައް ކައުންސިލާއި ހިއްސާކުރެއްވިއެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވައި އެކަންކަން ކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމަ އެއާއެކު އެމަނިކުފާނު ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.