ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލް އަދި އ.ތ.މ ކޮމިޓީއާ ބައްދަލުކުރައްވައި އެރަށުގެ ތަރައްގީގެ އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ޒަމާނީ ކުޑަކުދިންގެ ޕާކެއް ހެދުމަށް އެ ކައުންސިލް އެދިއްޖެއެވެ.

މި ބައްދަލުކުރެއްވުން އޮތީ ރޭ ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލް އިދާރާގައެވެ.

އެ ކައުންސިލުން އިތުރަށް ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަން ކަމުގައި ވިދާޅުވިއެވެ. ހަމަ އެއާއެކު، ރަށުގެ ބިން ހިއްކި ސަރަހައްދުގައި ފެނާ ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތް ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދެއްވުމަށާއި، ކުނި ނައްތާލުމުގެ ނިޒާމެއް ގާއިމުކޮށްދެއްވުމަށާއި، ރަށުގެ މަގުތައް ހަދައިދެއްވައި އަދި އެ މަޝްރޫއާއެކު މަގުތަކުގައި ހެދޭ ފެން ހިންދާނެ ނިޒާމެއް ގާއިމުކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. އަދި މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ބޭނުންވާ ކަންކަމުގެ އިތުރުންވެސް ރަށަށް ކުރިމަތިވަމުންދާ އިޖުތިމާއީ މައްސަލަތައް ކައުންސިލުން ހިއްސާކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން މީދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީން ވަނީ ރަށުގައި މޫދަށް އެރިލާނެ ސަރަހައްދެއް ނެތުމުން އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.