ބަޔާން މިއުނިކުން އެޓީމުގެ ޒުވާން ފޯވާޑް މެތިސް ޓެލްގެ ކޮންޓްރެކްޓް އާކޮށްފިއެވެ.

ރިޕޯޓުތަކުން ހާމަކުރާ ގޮތުގައި މިދިޔަ ހަފްތާގައި ބަޔާނުން ސްޕޯޓިން ޑައިރެކްޓަރާ ޓެލްގެ އޭޖެންޓް ގަޑީރީ ކަމާރާ ވަނީ ބައްދަލުކޮށް ޓެލްގެ ކުރިމަގާ ބެހޭގޮތުން މަޝްވަރާ ކޮށްފައެވެ.

މިމަޝްވަރާތަކުގައި ބަޔާނުން ވަނީ ޓެލްއަކީ ބަޔާނުގެ ކުރިމަގުގައި ވަރަށް މުހިއްމު ކުޅުންތެރިޔެއް ކަމުގެ ޔަގީންކަން ދީފައެވެ. ދެން އަންނަ ސީޒަނުގައި ބަޔާނުގެ ކޯޗަށް އައްޔަނު ކުރާނީ ކާކުކަން ހާމަނުކުރިޔަސް އެކޯޗެއްގެ އިރުޝާދު ދަށުން ޓެލްއަކީ ބަޔާނަށް ވަރަށް މުހިއްމު ކުޅުންތެރިޔަކަށް ހަދާނެ ކަމުގެ ޔަގީންކަން ވެސް ފްރިއުންޑް ވަނީ ދީފައެވެ.

ފްރާންސްގެ ނޫހެއް ކަމުގައިވާ ލެކުއިޕޭ ހާމަކުރި ގޮތުގައި ޓެލް ސޮއި ކުރި އާ ކޮންޓްރެކްޓަކީ 2029 ވަނަ އަހަރާ ހަމައަށް އިންނަ ކޮންޓްރެކްޓެކެވެ. މިކޮންޓްރެކްޓުގެ ހުރިހާ ކަމެއް ނިންމާލުމަށްޓަކައި ޓެލްގެ އޭޖެންޓް ކަމާރާ ވަނީ މިއަދުގެ ވަގުތެއްގައި މިއުނިކަށް ދަތުރުކޮށްފައެވެ. ޓެލް ސޮއި ކުރި އާ ކޮންޓްރެކްޓާއެކު އޭނާގެ މުސާރަ ވަރަށް ބޮޑުތަނުން ބޮޑު ވާނެކަމަށް ވެސް ރިޕޯޓުތަކުން ވަނީ ހާމަކޮށްފައެވެ.