ލިޔުނީ: އަޒްހީން
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އަބްދުالله ޒިޔާދު، ޔަންމާ އޭޝިއާ ސިންގަޕޫރު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޖެކްސަން ޓެން އާއި ޔަންމާރު މިޑްލް އީސްޓް ބްރާންޗްގެ މެނޭޖަރު އިސްމާއިލް ނާފިއުއާއެކު މުހިންމު ބައްދަލުވުމެއް ބާއްވައިފައެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސްގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުކުރެއްވުމުގައި، އެމްޓީސީސީއާއި ޔަންމާ އާއި ދެމެދު މިހާރު އޮތް ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތައް ދެނެގަތުމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން އެމްޓީސީސީ އާއި ޔަންމާއާއި ދެމެދު ހުރި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައި، މިކަމަށް އިނޮވޭޓިވް ޙައްލުތައް ހޯދުމަށްވެސް މަޝްވަރާ ކުރެއްވިއެވެ.
ޔަންމާ ކޮމްޕެނީ ލިމިޓެޑްގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ޔަންމާ އޭޝިއާ ސިންގަޕޫރު ކޯޕަރޭޝަނަކީ ދަނޑުވެރިކަމާއި މެރިން ޕްރޮޕަލްޝަން އާއި ކޮންސްޓްރަކްޝަން އިކުއިޕްމަންޓާއި އިންޑަސްޓްރިއަލް އިންޖީނުފަދަ އިނޮވޭޓިވް ސޮލިއުޝަންތައް ފޯރުކޮށްދޭ ދުނިޔޭގެ ފާހަގަ ކޮށްލެވޭ ވަރުގަދަ ކުންފުންޏެކެވެ. އެ ކުންފުންޏަކީ ޔަންމާގެ އުފެއްދުންތައް އޭޝިއާގެ އެކި ކަންކޮޅުތަކުގައި ޑިސްޓްރިބިއުޓްކުރުމާއި މާކެޓް ކުރުމާއި ސާވިސް ކުރުމުގެ ދާއިރާއިން ސްޕެޝަލައިޒްވެފައިވާ ކުންފުންޏެކެވެ.
ޔަންމާ އޭޝިއާ ސިންގަޕޫރު ކޯޕަރޭޝަނަކީ އެކްސެލެންސް، އިނޮވޭޝަން އަދި ކަސްޓަމަރުންގެ ހިތްހަމަޖެހުމަށް މަސައްކަތްކުރުމުގެ ދާއިރާގައިވެސް ދުނިޔޭގައި ފާހަގަ ކޮށްލެވޭ ކުންފުންޏެކެވެ. ކަނޑުދަތުރުފަތުރުގެ ސްޓްރެޓެޖިކް ހަބެއްގެ ގޮތުގައި ރާއްޖެ ދަމަހައްޓަމުން އަންނައިރު، އިޤްތިޞާދީ ކުރިއެރުމާއި، ވިޔަފާރީގެ ދާއިރާ ކުރިއެރުވުމަށާއި، ކަނޑުގެ ވަސީލަތްތަކުގެ ބޭނުން ދެމެހެއްޓެނިވި ގޮތެއްގައި ހިފުމަށް މިފަދަ މަޝްވަރާތައް މުހިންމުކަން އެމްޓީސީސީއިން ފާހަގަ ކުރައްވައެވެ.