މުލަކު އަތޮޅު މުލަކުގައި ހޮސްޕިޓަލެއް ގާއިމުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މުލަކަތޮޅު މުލަކުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނު ވައުދު ވެވަޑައިގެންނެވި ފަދައިން އެރަށުގެ ސިއްހީ މަރުކަޒުގެ ފެންވަރުމަތިކޮށް ހޮސްޕިޓަލަކަށް ބަދަލުކޮށްދެއްވާނެކަމަށާއި އަދި މިހާރުން މިހާރަށް އެތަނުގެ ހިދުމަތުގެ ފެންވަރު މަތިކުރުމަށް ކުރަންހުރި މަސައްކަތްތައް ވެސް ކުރިޔަށް ގެންދަވާނެކަމުގައެވެ.
ހަމައެހެންމެ، ބަނދަރު އިތުރަށް ބޮޑުކޮށް 1400 ފޫޓު ދިގުމިން ހުންނަ ވަރަށް ބަދަލުކޮށްދެއްވާނެކަމަށާ، އެރަށުގެ މަސްވެރިކަމުގެ ދާއިރާގެ ކުރިއެރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ސްޕީޑު އަވަސްކޮށް ނިންމައިދެއްވާނެކަމަށާ، މީގެ އިތުރުންވެސް ރަށުގެ ތަރައްގީއަށް ކުރަން ވައުދުވެފައިވާ ކަންކަމާ އަދި ކައުންސިލުން ފާހަގަކުރައްވާ ކަންކަމާއެކު ތަރައްގީގެ ހުރިހާކަމެއް ފުރިހަމަކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވެވަޑައިގަންނަވަނީ ލާމަރުކަޒީ ނިޒާމު އޭގެ ހަގީގީ މާނައިގައި ތަންފީޒުކުރައްވަން ކަމަށެވެ. އެގޮތުން ރަށްރަށަށް ވަޑައިގެން ކައުންސިލުތަކާ ބައްދަލުކުރައްވައި ކައުންސިލުތަކުން ބޭނުންވާ ގޮތްތައް އޮޅުންފިލުއްވަވަނީވެސް ކައުންސިލުތަކުގެ ބައިވެރިވުން އިތުރުކޮށް ކައުންސިލުތައް ބާރުވެރިކުރުވުމުުގެ ބޭނުމުގައިކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.