މޭސަން ގްރީންވުޑަށް ޖަމައިކާގެ ގައުމީ ޓީމުގައި ކޯޗު ކޮށްދެން ބޭނުންވާ ކަމަށް ޖަމައިކާގެ ގައުމީ ޓީމުގެ ކޯޗު ހެއިމިރް ހޯލްގްރިމްސަން ބުނެފިއެވެ.
ސްޕެއިންގެ ގެޓާފޭގައި ކުޅެމުން އަންނަ ގްރީންވުޑް މިވަގުތު ތަމްސީލު ކުރަނީ އިނގިރޭސި ވިލާތެވެ. ނަމަވެސް އޭނާ އިނގިރޭސި ވިލާތަށް ކުޅެދީފައިވަނީ އެންމެ މެޗެއް ކަމުގައި ވާތީ ފީފާގެ ގަވާއިދުގެ ދަށުން އޭނާއަށް, އޭނާގެ މަންމަގެ ގައުމު ކަމުގައިވާ ޖަމައިކާ ތަމްސީލު ކުރުމުގެ ފުރުސަތު އެބައޮތެވެ.
ޖަމައިކާ ތަމްސީލު ކުރަން ބޭނުންވާ ކަމުގެ އެއްވެސް އަލާމާތެއް ގްރީންވުޑްގެ ފަރާތުން ފެނިގެންގޮސްފައިނުވާ ކަމުގައިވިއަސް, ހެއިމިރް ވަނީ ގްރީންވުޑަށް ޖަމައިކާގެ ޓީމުގައި ކޯޗު ކޮށްދެން ބޭނުންވާކަމަށް ހާމަކޮށްފައެވެ.
"އަހަރެމެން ބޭނުމެއް ނޫން ވެދާނެ ކަމެއްގެ ވާހަކަދައްކާކަށް. ނަމަވެސް ގްރީންވުޑް ޖަމައިކާއަށް ކުޅެވޭނެ ތޯ އަހަރެމެން ބަލައިފިން. އަހަރެން ވަރަށް ބޭނުން ގްރީންވުޑް ކަހަލަ ހުނަރުވެރި ކުޅުންތެރިޔަކަށް ކޯޗުކޮށްދެން" ގްރީންވުޑާ ބެހޭ ގޮތުން ވާހަކަދައްކަމުން ހެއިމިރް ބުންޏެވެ.
ހެއިމިރް, ގްރީންވުޑް ޖަމައިކާ ތަމްސީލު ކުރަން ބޭނުންވި ކަމުގައިވިއަސް ރިޕޯޓުތަކުން ހާމަކުރާ ގޮތުގައި ގްރީންވުޑް ބޭނުންވަނީ އިނގިރޭސި ވިލާތް ތަމްސީލު ކުރުމަށެވެ. ގްރީންވުޑާ ދެކޮޅަށް ކުރެވުނު ރޭޕްގެ ތުހުމަތުތަކަށް ފަހު އޭނާއަށް އިނގިރޭސި ވިލާތުގެ ގައުމީ ޓީމުން ފުރުސަތު ލިބިފަ ނެތް ކަމުގައިވިއަސް, ގްރީންވުޑްގެ ވިސްނުން ހުރީ ޓީމަށް އަނެއްކާ ވެސް ކުޅުމުގެ ފުރުސަތު ލިބޭތޯ މަސައްކަތް ކުރުމަށެވެ.