ހައުސިންގ ޔުނިޓް ގާއިމުކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އިއްޔެ ދިއްގަރު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ ބަނދަރާއި ގުޅިގެން ކުރަންހުރި ކަންކަމާއި ހިއްކާފައިވާ ބިމުގައި ފެނާ ނަރުދަމާ ފަދަ އަސާސީ ޚިދުމަތްތައް ގާއިމުކުރުމާއި ރަށުގެ މަގުތައް ހެދުމާއި އަދި އެނޫންވެސް ރަށުގެ ތަރައްގީއަށް ކުރަންހުރި ހުރިހާ ކަމެއް ފުރިހަމަކޮށްދެއްވާނެކަމުގައެވެ. ރައީސް ވިދާޅުވީ މި ސަރުކާރުން މިދިޔަ ދުވަސްތަކުގައި ކުރަމުންދިޔަ މަސައްކަތްތަކަކީ އިގްތިސާދުގައި ހުރި މައްސަލަތައް ހައްލުކޮށް އާމްދަނީ އިތުރުކުރެވޭނެ ގޮތްތައް ހޯދުމުގެ މަސައްކަތްކަމުގައެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުންނަށް މުއްސަނދިކަން ހޯދޭނެ ގޮތްތައް ފަހިކޮށްދިނުންކަމަށެވެ. އެގޮތުން އިގުތިސާދީ މަންފާލިބޭގޮތަށް ކައުންސިލުގެ އިހުތިސާސްގައި އޮންނަ ރަށެއް ނުވަތަ އިހްތިސާސްގައި ނުހިމެނޭ ރަށެއް ވިޔަސް ކައުންސިލަށް ލިބުމަށް މަގުފަހިވާގޮތަށް ނިންމެވި ނިންމެވުމަކީވެސް އެބޭނުމުގައި ނިންމެވި ނިންމެވުމެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
އަދި އެގޮތަށް ރަށްތަކަށް އެދުމަށް ހުޅުވާލާފައިވާ ރަށްތަކުގެ ލިސްޓުގައި އިތުރު ރަށްތައް ހިމަނުއްވަމުން ގެންދަވާނެކަމަށާއި އަދި އެގޮތަށް ރަށްރަށް ދޫކުރުމަށް މިހާރު ގެޒެޓްކޮށްފައިވާ މުއްދަތު 10 އަހަރުން 25 އަހަރަށް އިތުރުކުރުމަށްވެސް މިހާރު ނިންމަވާފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވަނީ މި ބަދަލާއެކު އެފަދަ ރަށްރަށުގައި އެކިދާއިރާތަކުން ވިޔަފާރިތައް ހިންގުމަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދާނެކަން ފާހަގަކުރައްވާފައެވެ.