ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، މުލަކަތޮޅު މަޑުއްވަރީ ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީއާ ބައްދަލުކުރައްވައި އެރަށުގެ ތަރައްގީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މުލަކަތޮޅު ދިއްގަރު ހެލްތް ސެންޓަރުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ބޭނުންވާކަމަށާއި، ނިވާ ބަނދަރެއް ބޭނުންވާ ކަމަށާއި، ސްކޫލަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމާއި، ރަށުގެ ސިއްހީ މަރުކަޒުގައި ދާއިމީ ޑޮކްޓަރުން ނެތުމުން ކުރިމަތިވާ ގޮންޖެހުންތައް ފާހަގަކުރައްވާފައެވެ. އަދި ކައުންސިލުން އާމްދަނީ ހޯދުމަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަން ކައުންސިލުން ހިއްސާކުރެއްވިއެވެ. މީގެ އިތުރުންވެސް ރަށުގެ ކުނި ނައްތާލެވޭނެ ރަނގަޅު ނިޒާމެއް ގާއިމުކުރުމަށް ބޭނުންވާކަމަށާއި، ރަށުގައި ކަރަންޓު މައްސަލަ ހުރުމުން ރައްޔިތުންނަށް ކުރިމަތިވާ ގޮންޖެހުންތައް ކައުންސިލުން ހިއްސާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް ގެނެވެން އޮތް ހައްލުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ނިވައި ބަނދަރެއް ހޯދުމަށް ކައުންސިލުން ބޭނުންވާގޮތް އޮޅުންފިލުއްވައިފައެވެ. ހަމަ އެއާއެކު މަޑުއްވަރީގެ ކައުންސިލުން ފާހަގަކުރެއްވި ކުނީގެ މައްސަލައަށް ހައްލެއް ހޯދިދާނެ ގޮތަކާއި ގުޅޭގޮތުން މި ބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.