ފެލިދެއަތޮޅު ފެލިދޫ ރައްޔިތުންނަށް ޕިކްނިކް ދިއުމަށް ރަށެއް ކަނޑައަޅައިދިނުމަށް އެ ރަށު ކައުންސިލުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އަރިހު އެދިއްޖެއެވެ.

ފެލިދޫ އުންސިލުން މި ކަމަށް އެދިފައިވަނީ ރައީސް ޑރ. މުއިއްޒު އެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީއާ ބައްދަލުކުރައްވައި އެރަށުގެ ތަރައްގީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން ބޭއްވި މަޝްވަރާކުރެއްވުމުގައެެވެ.

މި ބައްދަލުކުރެއްވުން އޮތީ ރޭ ފެލިދެއަތޮޅު އަތޮޅު ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން އެންމެ ބޮޑު މައްސަލައަކަށް ފާހަގަކުރެއްވީ ބިމުގެ ޖާގައިގެ ދަތިކަމެވެ. އަދި ތައުލީމީ ދާއިރާއިން ކުރިމަތިވާ ގޮންޖެހުންތަކާއި، ކުޅިވަރުގެ ދާއިރާ ތަރައްގީކުރުމަށް ބޭނުންވާ ކަންކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. ހަމަ އެއާއެކު މިހާރު ފަށާފައިހުރި މަޝްރޫއުތައް އަވަހަށް ކުރިއަށްގެންގޮސް ދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުންވެސް ވ. އަތޮޅުގައި ޑްރައިވިންގ ލައިސެންސް ދޫކުރުމުގެ ހިދުމަތްގާއިމުވެފައި ނެތްކަމުގައި ފާހަގަކުރައްވައި އެ ހިދުމަތް ވ އަތޮޅުން ލިބޭނެ މަގު ފަހިކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ވ. ފެލިދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީން ވަނީ ޖާގައިގެ ދަތިކަން ހުރުމުން އެ ކަނބަލުންގެ ބައެއް މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ކުރިމަތިވާ ގޮންޖެހުންތައް ރައީސްއާ ހިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސްވަނީ ކައުންސިލުން ފާހަގަކުރެއްވި ލައިސެންސް ދޫކުރުމުގެ ހިދުމަތް ދިނުމުގެ ކަންކަން ވިހާވެސް އަވަހަށް ކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ. އަދި ދެންވެސް ކައުންސިލުން ފާހަގަކުރެއްވި ކަންކަން އަވަހަށް ހައްލުކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.