ޑޮލަރު އަދި ދިވެހި ރުފިޔާ އޭ.ޓީ.އެމް އެއް ގާއިމުކޮށްދެއްވުމަށް ފެލިދެއަތޮޅު ފުލިދޫ ކައުންސިލުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، އަރިހު އެދިއްޖެއެވެ.

ފުލިދޫ ކައުންސިލުން މި ކަމަށް އެދިފައިވަނީ ރައީސް ޑރ. މުއިއްޒު އެ ކައުންސިލާއި އ.ތ.މ ކޮމިޓީއާ ބައްދަލުކުރައްވައި ފުލިދޫގެ ރައްޔިތުންނަށް ދިމާވާ ގޮންޖެހުންތަކާއި، ރަށުގެ ތަރައްގީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން ބޭއްވި މަޝްވަރާ ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުން އޮތީ ރޭ ފެލިދެއަތޮޅު އަތޮޅު ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްގީގެ ޕްލޭނަށް ބަދަލުތަކެއް ގެންނަންޖެހޭކަމުގައި ވިދާޅުވިއެވެ. އަދި ކައުންސިލްގެ ބްލޮކް ގްރާންޓުގެ 7 މަސް ދުވަހުގެ ލާރި ނުލިބުމުގެ މައްސަލައާއި، ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަން ފާހަގަކުރެއްވިއެވެ. އަދި ލަފާ ފުރުމުގެ ދަތިކަން ހުރިކަން ފާހަގަކުރައްވައި ބަނދަރު މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތު ބޭނުންވާކަމަށާއި، ކުޅިވަރުގެ ދާއިރާއަށް ބޭނުންވާ ވަސީލަތް މަދުކަމާ އަދި ބަނދަރު މަޝްރޫއުގައި ހުރި ރައްޔިތުންގެ ކަންބޮޑުވުންތައް ކައުންސިލުން ހިއްސާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ފުލިދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީން ވަނީ އެކޮމިޓީއިން މަސައްކަތްކުރާނެ ވަކި އިދާރާއެއް ނެތުމުގެ ކަންބޮޑުވުން ފާހަގަކުރައްވާފައެވެ. އަދި އ.ތ.މ ކޮމިޓީއަށް މުސާރައެއް ހަމަޖައްސައިދެއްވުމަށް އެކޮމިޓީއިން އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި ބަނދަރުގެ މަޝްރޫޢު ކުރިއަށް ގެންދިއުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް ބައްލަވައި ރަށަށް އެންމެ ފައިދާވާނެ ގޮތަކަށް އެ މަޝްރޫއު ކުރިއަށްގެންދަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބިންހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދެވިދާނެ ގޮތް ކައުންސިލާއި ހިއްސާކުރެއްވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.