ފެލިދެ އަތޮޅު ފެލިދޫގެ ބިންހިއްކުމުގެ މަސައްކަތް އެންމެ އިސްކަންދޭ ކަންކަމުގެ ތެރޭގައި ހިމަނުއްވައި، މިއަހަރު އެ މަޝްރޫއު ފަށްޓަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ފެލިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ފެލިދޫގެ ލޭންޑުޔޫސް ޕްލޭންގައި ކަނޑައަޅާފައި އޮތް މިންވަރަށް ބިންހިއްކުމަށް ރޭވިފައިވާކަމަށާއި އަދި އަމާޒަކީ މިއަހަރުގެ ތެރޭގައި މި މަޝްރޫއު ފަށައި، ކުރިޔަށްގެންގޮސް ވީ އެންމެ އަވަހަކަށް ނިންމައިލުންކަމުގައެވެ.

މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގެދޮރުވެރިކަމުގެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތްތައް ވެސް މިއަހަރުގެ ތެރޭގައި ފެށޭނެކަމުގައި ރައީސް ވިދާޅުވިއެވެ. އަދި އަތްފޯރާ ފަށުގައި ހައުސިންގ ލޯނު ސްކީމުތައް ވެސް ތައާރުފު ކުރާނެކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ތަކުރާރުކުރެއްވިއެވެ.

ފެލިދޫގެ ތަރައްގީއަށް ރޭވިފައިވާ ކަންކަމުގެ ތެރެއިން، އެރަށު ސްކޫލުގައި އިމާރާތްކުރުމަށް ނިންމާފައިވާ ކްލާސްރޫމްތަކާއި މަލްޓިޕަރޕަސް ހޯލް ބިނާކުރާނީ ބިމުން ބޮޑު ޖާގައެއް ނުގެއްލޭނެހެން، 4 ބުރި އިމާރާތެއްގެ ގޮތަށްކަމަށް ރައީސްގެ ވާހަކަފުޅުގައި ވަނީ އިއުލާނުކުރައްވާފައެވެ. މީގެ އިތުރުން ހޮސްޕިޓަލުގެ ފެންވަރު މަތިކޮށްދީ، ކުޅިވަރު ކުޅުމަށްޓަކައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ރައްޔިތުން އެދޭ ގޮތަށް ހައްދަވައިދެއްވާނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.