ފެލިދެއަތޮޅު ރަކީދޫގެ ރައްޔިތުން އެހެން ރަށަކަށް ހާއްސަކޮށް މާލެ އަތޮޅުގެ ރަށަކަށް ބަދަލުކޮށްދެއްވުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ އަރިހުން އެ ރަށު ކައުންސިލުން އެދިއްޖެއެވެ.

އެ ކައުންސިލުން މި ކަމަށް އެދިފައިވަނީ ރައީސް، އެ ކައުންސިލް އަދި އ.ތ.މ ކޮމިޓީއާ ބައްދަލުކުރައްވައި ކައުންސިލްގެ އެދުމުގެ މަތީން ރަކީދޫ އެއްފަސް ކުރުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ބޭއްވި މަޝްވަރާކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުން އޮތީ ރޭ ފެލިދެއަތޮޅު އަތޮޅު ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި އެ ކައުންސިލުން ރަށްގިރުމުގެ މައްސަލައަށް ހައްލެއް ލިބުމަށް ބޭނުންވާކަމަށާއި، ދަތުރުފަތުރު ކުރުމަށް ލުއި ފަސޭހަ ގޮތްތަކެއް ބޭނުންވާކަމުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ކުޅިވަރުގެ ދާއިރާ ތަރައްގީކުރުމަށް އިތުރު ވަސީލަތްތައް ބޭނުންވާކަމަށާއި، ކައުންސިލް މަސައްކަތްކުރާނެ އެކަށީގެންވާ މާހައުލެއް ގާއިމުކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ރަކީދޫ ރައްޔިތުން މާލެ އަތޮޅުން ބަދަލުވުމަށް ބޭނުންވާ ތަނަކާ ގުޅޭގޮތުން ކައުންސިލުން ބޭނުންވާ ގޮތް އައްސަވާ އެކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ރަކީދޫ ރައްޔިތުންނާއި ރަކީދޫ ކައުންސިލުން އެދޭގޮތަށް އެއްފަސްވުމުގެ ކަންކަން ކުރިއަށް ގެންދަން މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ.

އަދި މި ބައްދަލުކުރެއްވުމުގައި ރައްޔިތުންނަށް އަސާސީ ގޮތުން ބޭނުންވާ ހިދުމަތްތައް މިހާރުން މިހާރަށް ފޯރުކޮށްދިނުމަށް ބޭނުންވާކަމުގައި ފާހަގަކުރައްވައި އެކަންކަމުގެ ތެރެއިން ކައުންސިލުން އެންމެ ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.