ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، ފެލިދެއަތޮޅު އަތޮޅު ކައުންސިލާ ބައްދަލުކުރައްވައި މުޅި އަތޮޅުގެ ތަރައްގީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ ރޭ ފެލިދެއަތޮޅު އަތޮޅު ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ އަތޮޅުގެ އެކި ރަށްރަށުގައި ފެށިފައިހުރި މަޝްރޫއުތައް އަވަހަށް ކުރިއަށް ގެންގޮސްދެއްވައި ނިންމަވާދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ކައުންސިލުން ވަނީ މީހުން ދިރިއުޅެމުންދާ ރަށްތައް ހިއްކުމުގެ ބަދަލުގައި ދުރު މުސްތަގްބަލަށްޓަކައި އަތޮޅުގައި މީހުން ދިރިއުޅޭނެ 6 ވަނަ މަންޒިލެއް ނުވަތަ އައު ރަށެއް ހިއްކާ ދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި އަތޮޅު ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރ މަސައްކަތް ފެށުމަށް ބޭނުންވާ ކަމަށާއި، ވ. އަތޮޅުގައި 'ޕިކްނިކް އައިލެންޑެއް' ތަރައްގީކޮށްދެއްވުމަށްވެސް އެދިވަޑައިގެންފައެވެ.

އަދި ސިވިސް ސަރވިސް އިން ކައުންސިލް އިދާރާތައް ވަކިކޮށް މިނިވަން ކުރުމަށް ބޭނުންވާކަމަށާއި ފަސޭހަ ކަމާއެކު ކައުންސިލްތަކަށް މުވައްޒަފުން ނެގޭނެ ގޮތެއް ބޭނުންވާކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ. ހަމައެއާއެކު އަތޮޅުގައި އިތުރު ރިސޯޓެއް ތަރައްގީ ކުރުމަށް ބޭނުން ނުވާކަމަށާއި އެއީ ރިސޯޓެއް ތަރައްގީކުރުމުން ވ އަތޮޅުގެ ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުވާނެތީ ކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އަތޮޅު ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.