ކުނި މެނޭޖުކުރެވޭނެ ގޮތެއް އަދި ކުނި ކޮށްޓެއް ފެލިދެއަތޮޅު ތިނަދޫ ރައްޔިތުންނަށް ވަރަށް މުހިންމުކަމުގައި އެ ރަށު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުއާ ހިއްސާ ކޮށްފިއެވެ.

އެ ކައުންސިލުން މި ކަން ހިއްސާކޮށްފައިވަނީ ރައީސް ރޭގައި އެ ކައުންސިލާއި ބައްދަލުކުރައްވައި އެރަށުގެ ތަރައްގީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން ބޭއްވި މަޝްވަރާކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުން އޮތީ ފެލިދެއަތޮޅު އަތޮޅު ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ބަނދަރު ތަރައްގީކުރުމަށް ބޭނުންވާކަމަށާއި ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާއި، ރަށް ގިރުމުގެ މައްސަލައާއި، ކުޅިވަރުގެ ދާއިރާ ތަރައްގީކުރުމަށް ބޭނުންވާ ކަންކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. އަދި ފެނާ ނަރުދަމާގެ މަޝްރޫޢު ނިންމުމުގާހުރި ކަންބޮޑުވުންތައް ކައުންސިލުން ހިއްސާކުރެއްވިއެވެ. މީގެ އިތުރުން ތިނަދޫ ޞިއްޙީ މަރުކަޒުގައި ހުރި ދަތިކަންކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ބަނދަރުގެ ކަންކަން ކުރުމަށް އީ.އައި.އޭ ހެދުމަށްފަހު އެ މަސައްކަތް ފެށުމަށް ރާއްވަވާނޭ ކަމަށެވެ. އަދި ދެންވެސް ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވިއެވެ.

.