ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން އަމަލު ކުރަން ޖެހޭ އާ އާންމު ހާލަތުގައި އިންތިޚާބު ބާއްވާނެ އުސޫލުތައް ހިމެނޭ އެޗްޕީއޭގެ ގައިޑްލައިންގެ ސަބަބުން އިންތިޚާބު ބޭއްވުނަށް ބުރަ ބޮޑު ކަމަކަށް ވެފައި އޮތުމުން އެ ކަމާ މެދު ރައްޔިތުންގެ މަޖިލީހާ އެކު މަޝްވަރާ ކުރަން ހުށަހަޅަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، ލޯކަލް ކައުންސިލް އިންތިހާބު އިންތިޒާމު ކުރުމުގައި އާއި، އިންތިހާބަށް ކެމްޕެއިން ކުރުމުގައި އަމަލުކުރުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިން އެކުލަވައިލި ގައިޑްލައިނުން ބޮޑެތި ހުރަސްތަކެއް ކުރިމަތިވާކަމަށެވެ. އަދި އެހެން ކަމުން، އިންތިހާބު ފަސްކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމީކަމަށް އީސީ އިން ބުނެފައިވެއެވެ.
އެޗްޕީއޭ އިން އިންތިހާބުގައި ކެމްޕެއިން ކުރުމުގެ ގައިޑްލައިން އާންމުކޮށްފައިވާއރިު އެ ގައިޑްލައިންގައި ބުނެފައިއޮތީ ބަލި ނުފެތުރޭ ގޮތަށް އިންތިހާބުގެ އެންމެހާ ކަންކަން ކުރިއަށް ގެންދިޔުމަށެވެ. މިއާއި އެކު އިލެކްޝަންސް ކޮމިޝަނުން އިންތިހާބަށް ކުރަން ޖެހޭ ހަރަދު ދެގުނަ ބޮޑުވެ 100 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާވާކަމަށް އީސީ އިން ވަނީ ބުނެފައެވެ.
ޕޮޒިޓިވް މީހުންނާއި ޕޮޒިޓިވް މީހުންގެ ކޮންޓެކްޓުންނަށްވެސް ވަކިން ވޯޓުލެވޭނެ އިންތިޒާމު ހަމަޖެހިފައި ހުންނަން ޖެހޭއިރު މިކަންކަން ހަމަޖެއްސުމަށް އީސީ އިން ގިނަ މަސައްކަތްތަކެއް ކުރަންޖެހެއެވެ.
އޭޕްރިލް މަހުގައި ބޭއްވުމަށް ހަމަޖެއްސި ލޯކަލް ކައުންސިލް އިންތިހާބު އެންމެ ފުރަތަމަ ބާއްވަން ނިންމީ މިދިޔަ އަހަރުގައެވެ. އެހެން ނަމަވެސް ކޮވިޑު-19 އާއި ގުޅިގެން ޤާނޫނެއް ހަދާ އެ ޤާނޫނުގެ ދަށުން އިންތިހާބު ވަނީ ފަސްކުރެވިފައެވެ. އަދި އެފަހުން އެ ޤާނޫނަށް އިސްލާހުގެނެސް، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް އިންތިހާބު ބޭއްވޭ ގޮތަށް ހަދައި މި އަހަރުގެ އޭޕްރިލް މަހު އިންތިހާބު ބާއްވަން އީސީ އިން އިއުލާންކުރިއެވެ.