އެޓްލެޓިކޯ މެޑްރިޑުން އެޓީމުގެ ތަޖުރިބާކާރު ޑިފެންޑަރު ސީޒާ އެޒްޕްލިއުކޭޓާގެ ކޮންޓްރެކްޓު އާކޮށްފިއެވެ.

މިދިޔަ އަހަރު އެޒްޕްލިކުއެޓާ, ޗެލްސީއިން އެޓްލެޓިކޯއަށް ސޮއި ކުރީ އެއް އަހަރުގެ ކޮންޓްރެކްޓެއްގައެވެ. ނަމަވެސް އެޓްލެޓިކޯއިން އޭނާއާ މެދު ހިތްހަމަޖެހޭނަމަ އިތުރު އަހަރަކަށް ކޮންޓްރެކްޓު ދިގު ކުރުމުގެ ފުރުސަތު އެޓީމަށް އޮތެވެ. އެޒްޕްލިކުއެޓާއަކީ އެޓްލެޓިކޯގެ ފުރަތަމަ އެގާރައިގައި ވަރަށް މުހިއްމު ދައުރެއް އަދާ ކުރަމުން އަންނަ ކުޅުންތެރިޔަކަށް ވާތީ އެކްލަބުން ވަނީ އިތުރު އަހަރަކަށް އެޒްޕްލިކުއޭޓާ އެކްލަބުގައި ބެހެއްޓުމަށްޓަކައި އޭނާގެ ކޮންޓްރެކްޓް އާ ކުރުމަށް ނިންމާފައެވެ.

އެޓްލެޓިކޯގެ ސީއީއޯ މިގޭލް އޭންޖެލް ގިލް ވަނީ އެޒްޕްލިކުއޭޓާއަށް އޭނާ ކްލަބުގައި ބެހެއްޓުމަށް ކްލަބުން އެދޭ ކަމަށް ހާމަކޮށްފައެވެ. އަދި އޭނާގެ ކޮންޓްރެކްޓް އާކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިގޭލް ވަނީ ހާމަކޮށްފައެވެ.

އެޒްޕްލިކުއެޓާ މިވަގުތު ހުރީ އިންޖަރީއެއްގެ ސަބަބުން ކުޅުމުގާ ދުރުގައެވެ. އޭނާ ވަނީ މިސީޒަނުގައި އެޓްލެޓިކޯއަށް 22 މެޗު ކުޅެދީފައެވެ.