ރަށްރަށުގައި ހިންގާ ގެސްޓްހައުސްތަކާއި ލޯކަލް ޓުއަރިޒަމްގެ ތެރެއިން ލިބޭ ޓީޖީއެސްޓީން ވަކި އިންސައްތައެއް ކައުންސިލުތަކުގެ އާމްދަނީއަށް އިތުރުކުރުމަށް ކަމާގުޅޭ ޤާނޫނުތަކަށް އިސްލާޙް ހުށަހަޅުއްވަން ގަސްދުކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ވ. ކެޔޮދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ޓެކްސްގެ ގާނޫނަށް ގެނެވޭ އިސްލާހްތަކުގެ ތެރެއިން، ކުރިޔަށް އޮތްތަނުގައި، މީރާއަށް ޖަމާ ކުރެވޭ އާމްދަނީގެ ވަކިއިންސައްތައެއް ސީދާ ކޮންމެ ކައުންސިލަކަށް ލިބޭގޮތަށް ބައްޓަންކުރުމަށް ގާނޫނަށް އިސްލާޙު ގެންނަވާނެކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މައި ސަރުކާރުގެ ކަލެކްޓިން އެޖެންސީން ހުރިހާ ޓެކްސްއެއް ނެގުމުގެ ބަދަލުގައި މައި އިންޑަސްޓްރީތަކުން ލިބޭ އާމްދަނީގެ ވަކި އިންސައްތައެއް ކައުންސިލުތަކުގެ އާމްދަނީއަށް އިތުރުކުރުމަށްވެސް ކަމާގުޅޭ ހުރިހާ ގާނޫނުތަކަށް އިސްލާޙް ގެންނަވާނެކަމުގައެވެ.

ރައީސް ވިދާޅުވީ ބޭނުންފުޅު ވަނީ ހަގީގީ މާނައިގައި ލާމަރުކަޒުކޮށް ލިބޭ އާމްދަނީއަކުން ރައްޔިތުންނަށް ފައިދާވާގޮތަށް ހެދުމަށް ކަމުގައެވެ. އެގޮތުން ރައްޔިތުންނަށް ހިދުމަތް ކުރަން ހޮވާފައި އޮންނަ ކައުންސިލުތައް ބާރުވެރި ކުރެވުމުން ސަރުކާރާއި މިނިސްޓްރީތަކުން ކުރަންޖެހޭ ހަރަދުތަކަށްވެސް ލުއިތަކެއް ލިބިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ކެޔޮދޫ ބިންހިއްކުމުގެ މަޝްރޫއު މިއަހަރު ކުރިޔަށް ގެންދަވާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާ ބެހޭ ވުޒާރާއިން ކުނިމެނޭޖްކުރުމުގެ ބޮޑު މަޝްރޫއެއް ވަރަށް ގިނަ ރަށްތަކުގައި ހިންގުމަށް ރާވަވަމުން ގެންދަވާކަމަށާއި އެމަޝްރޫއުގެ ތެރެއިން ކެޔޮދޫއަށް ވެސް ސަމާލުކަންދެއްވާނެކަމުގައި ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ސްކޫލުގެ 4 ބުރީގެ އިމާރާތާއި ކުޑަކުދިންގެ ޕާކް އެޅުމުގެ މަސައްކަތަކާއި ބަނދަރާ ގުޅިގެން ހުރި ކަންބޮޑުވުންތަކަށްވެސް ހައްލު ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.