މާލެއަތޮޅު ގުރައިދޫގެ ރައްޔިތުން ބޭނުންވާ ގޮތަށް، ބިން ހިއްކައިދިނުމަށް އެ ރަށު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އަރިހު އެދިއްޖެއެވެ.

ގުރައިދޫ ކައުންސިލުން މި ކަމަށް އެދިފައިވަނީ ރައީސް، އެ ކައުންސިލާ އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީއާ ބައްދަލުކުރައްވައި ގުރައިދޫގެ ރައްޔިތުންނަށް ދިމާވާ ގޮންޖެހުންތަކާއި، ރަށުގެ ތަރައްގީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން ބޭއްވި މަޝްވަރާކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ގުރައިދޫ ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ކުރިން ބިން ހިއްކާފައިވާ ގޮތުން ރަށުގެ ރައްޔިތުންނަށް ކުރިމަތިވާ ގޮންޖެހުންތައް ކައުންސިލުން ހިއްސާކުރެއްވިއެވެ. މީގެ އިތުރުން ސުކޫލުގެ ކިޔެވުން އެއްދަންފަޅިއަށް ބަދަލުކުރުމަށް ބޭނުންވާކަމަށާއި، ނަރުދަމާ ނިޒާމު އަލުން އަޅައިދެއްވުމަށާއި، ފުލުހުންގެ އާއިމާރާތެއް ބޭނުންވާކަމަށާއި، ބަނދަރުގައި ހުރި މައްސަލަތައް ކައުންސިލުން ހިއްސާކުރެއްވިއެވެ. ހަމަ އެއާއެކު ސިއްހީ މަރުކަޒުގެ އާ އިމާރާތް ނިމިގެން ދާއިރު އެތަން ހޮސްޕިޓަލަކަށް ބަދަލުކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ގުރައިދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީން ވަނީ އެ ކޮމިޓީއަށް އިތުރު އާމްދަނީ ލިބޭނެ މަގެއް ތަނަވަސްވުމަށް ބޭނުންވާކަމުގައި ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ގުރައިދޫގެ ބިން ހިއްކޭނެ ގޮތާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި ވަކި ވަކި ކަންކަމަށް އަލިއަޅުވާލައްވައި އެކަމަށް އޮތް ހައްލުތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

މީގެއިތުރުން އެމަނިކުފާނު ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.