ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ށ. އަތޮޅުގެ ޕޮލިސް ސްޓޭޝަންތަކުގައި މަސައްކަތްކުރާ ފުލުހުންގެ އޮޕަރޭޝަނަލް ގާބިލުކަން އިތުރުކުރުމަށް ޔޫސް އޮފް ފޯސް ރިފްރެޝަރ ޕްރޮގްރާމް ކުރިއަށް ގެންގޮސްފިއެވެ.

މާރިޗު 3 އިން 7 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި، ފުލުހުން ބޭނުންކުރާ ހަތިޔާރުތަކުގެ ތެރޭގައި ހިމެނޭ ބިޑިއާއި މުގުރު ބޭނުންކުރާނެ ގޮތްތަކާއި ފުލުހުންގެ ބެލުމުގެދަށަށް މީހުން ގެނައުމުގައި އަމަލުކުރާނޭ ގޮތުގެ އުކުޅުތައް އިތުރަށް ދަސްކޮށްދީ ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވެއެވެ.

މީގެ އިތުރުން، ފުލުހުންނަށް ލިބިދީފައިވާ ގާނޫނީ ބާރުތަކާއި އިހުތިޔާރުގެ ބޭނުން ހިފުމާ ބެހޭ ގަވާއިދާއި ހަތިޔާރު ގެންގުޅުމާއި ބޭނުންކުރުމާ ބެހޭ ގަވާއިދު އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނާ ގުޅޭގޮތުން މައުލޫމާތު ދީފައިއެވެ. އަދި ފުލުހުންނާ ގުޅުންހުރި އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކަށް އިތުރަށް އަހުލުވެރި ކުރުވުމަށް ވެސް މައުލޫމާތު ދީފައިވެއެވެ.

މި ޕްރޮގްރާމް، ށ. މިލަންދޫ، ފޯކައިދޫ އަދި ފުނަދޫގައި ކުރިއަށް ގެންގޮސްފައިވެއެވެ.