ރެއާލް މެޑްރިޑް އަދި ވެލެންސިއާ ބައްދަލު ކުރި މެޗުގައި, އޭނާއަށް ދެއްކި ރަތް ކާޑާއެކު ދެމެޗަށް ސަސްޕެންޑު ކުރަން ލަލީގާއިން ނިންމި ނިންމުން އިންސާފުވެރި ނޫން ކަމަށް ޖޫޑް ބެލިންގްހަމް ބުނެފިއެވެ.

ވެލެންސިއާއާ ރެއާލް ބައްދަލު ކުރި މެޗުގައި ބެލިންގްހަމަށް ރަތް ކާޑު ދެއްކީ ރެފްރީއާ ދިމާލަށް ހަޑި ހުތުރު ބަހުން މުހާތަބު ކުރިކަމަށް ބަލާފައެވެ. ބެލިންގްހަމް ވަނީ އޭނާ ހަޑި ބަހުން ވާހަކަދައްކާފައި ހުރި ނަމަވެސް ރެފްރީއަށް މުހާތަބުކޮށް އެއްވެސް ބޭއަދަބީ ބަހެއް ބުނެފައިނުވާނެ ކަމަށް ބުނެފައެވެ. އަދި އޭނާއަށް ހަޑި ހުތުރު ބަހުން މުއާމަލާތް ކުރި ކަމަށް ބުނެ ދިން ދެމެޗުގެ އަދަބަކީ ބޭއިންސާފުން ދިން އަދަބެއް ކަމަށް އޭނާ ގަބޫލުކުރާކަމަށް ވެސް ބެލިންގްހަމް ވަނީ ބުނެފައެވެ.

"އަހަރެން ނުބުނަން މީހަކު ހިތްހަމަނުޖެހޭނެ ކަހަލަ އެއްވެސް އެއްޗެއް. އަހަރެންގެ ޓީމުގެ ކުޅުންތެރިން ކިޔާ އެއްޗިހި އަހަރެން ވެސް ކީ. އެކަމަކު އަހަރެން އާވީތީ ކަމަށް ވެދާނެ ލަލީގާއިން އަހަންނަށް އެހާ ބޮޑު އަދަބެއް ދިނީ. ބޭއިންސާފުން ދިން އަދަބަކަށް ވިއަސް އަހަރެން މިކަމުގެ ޒިންމާ ނަގާނަން" އޭނާއަށް ދިން ދެމެޗުގެ ސަސްޕެންޝަނާ ބެހޭ ގޮތުން ވާހަކަދައްކަމުން ބެލިންގްހަމް ބުންޏެވެ.

ބެލިންގްހަމަށް ދިން ދެމެޗުގެ ސަސްޕެންޝަނުގެ ސަބަބުން 10 މާރިޗުވާ އާދީއްތަ ދުވަހު ސެލްޓާ ވީގޯއާ ދެކޮޅަށް ރެއާލުން ކުޅޭ މެޗުގެ އިތުރުން, 16 މާރިޗުވާ ހޮނިހިރު ދުވަހު އޮސަސޫނާއާ ދެކޮޅަށް ރެއާލުން ނިކުންނަ މެޗުގައި އޭނާއަށް ބައިވެރިއެއް ނުވެވޭނެއެވެ. އޭނާއަށް ދެން ލީގުގައި ކުޅެވޭނީ 31 މާރިޗުގައި އަމިއްލަ ދަނޑުގައި އެތުލެޓިކް ކްލަބާ ދެކޮޅަށް ރެއާލުން ނިކުންނަ މެޗުގައެވެ.