އައްޑޫސިޓީ ހުޅުމީދޫން އިތުރު 10 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

އައްޑޫ ސިޓީގެ ކައުންސިލުން ބުނީ ހުޅުމީދޫ އެމްޓީސީސީ ސައިޓުން 56 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށާއި އޭގެތެރެއިން މިހާތަނަށް ނަތީޖާ ލިބުނީ 30 މީހުންގެ ކަމަށާއި ނަތީޖާ ލިބުނު މީހުންގެ ތެރެއިން 10 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އޭގެތެރޭގައި އަދި ހިމެނެނީ ބިދޭސީން ކަމަށް ކައުންސިލުން ބުނެއެވެ.

ހުޅުމީދޫ އެމްޓީސީސީ ސައިޓުން ސާމްޕަލްތައް ނަގަން ފެށީ، އެ ސައިޓުގައި މަސައްކަތް ކުރަމުންދިޔަ ހަތަރު ބިދޭސީއަކު އިއްޔެ ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އެއާއެކު އެ ރަށް މިހާރު އޮތީ މޮނީޓަރިންގެ ހާލަތުގައެވެ.

މި ކޭސް އާއި ގުޅިގެން ހުޅުމީދޫ ސިއްހީ މަރުކަޒުން ބުނީ އެ ސައިޓުގައި މަސައްކަތް ކުރަމުންދިޔަ ހުޅުދޫ މީހަކާއި، މީދޫގެ ހަތަރު މީހަކު ކަރަންޓީނުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެމީހުންގެ ނަތީޖާ އަދި ނުލިބޭ ކަމަށް ސިއްހީ މަރުކަޒުން ބުނެއެވެ.

ރާއްޖެއިން މިހާތަނަށް 16،000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، މި ބަލީގައި 54 މީހަކު ވަނީ ނިޔާވެފައެވެ.