ރެއާލް މެޑްރިޑްއާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވުމުން މުބާރާތަށް އަލްވަދާއު ކިޔަން ޖެހުނު ލެއިޕްޒިގްގެ ކުޅުންތެރިން އެމެޗުގެ ރެފްރީއާ މެދު ނުރުހުން ފާޅުކޮށްފިއެވެ.

ލެއިޕްޒިގްގެ ކުޅުންތެރިންގެ ފާޑުކިޔުންތައް ރެފްރީއަށް އަމާޒުވި ސަބަބަކީ ރެއާލުގެ ފޯވާޑް ވިނީޝިއަސް ޖޫނިއާ, ދަނޑު ތެރޭގައި ހިނގި ކުޑަ ހަމަނުޖެހުމެއްގައި ލެއިޕްޒިގްގެ ކެޕްޓަނު ކަމުގައިވާ ވިލީ އޯބަންގެ ކަރުގައި ހިފުމުން ވިނީޝިއަސްއަށް ރަތް ކާޑެއް ރެފްރީ ނުދެއްކުމުންނެވެ.

ފީފާގެ ގަވާއިދުތަކުގައި އޮންނަ ގޮތުންނަމަ އެކަހަލަ އަމަލެއް ކުޅުންތެރިޔެއްގެ ފަރާތުން ފެނިއްޖެނަމަ އެކުޅުންތެރިޔަކަށް ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލަން ޖެހޭނެއެވެ. ނަމަވެސް ރެފްރީ މިބީދައިން ކަންތައްތައް ނުކުރުމުން, ލެއިޕްޒިގްގެ ކުޅުންތެރިންގެ ފާޑުކިޔުންތައް އެމެޗުގެ ރެފްރިއަށް ވަނީ އަމާޒުވެފައެވެ.

"ރެފްރީއަށް ނުކެރެނީ ވިނީޝިއަސް ކަހަލަ މަތީ ފެންވަރުގެ ކުޅުންތެރިޔަކަށް ރަތް ކާޑު ދައްކަން. އަހަރެންގެ ކަރުގެ ދެއަތުން އޭނާ ހިފީ. ވަރަށް ހަޑި ފުޓުބޯޅަ މެޗެއްގަ އެފަދަ އަމަލެއް ކުރީމަ" ވިލީ އޯބަން އޭނާއާ ވިނީޝިއަސްއާ ދެމެދު ހިނގި ކުޑަ ހާދިސާއާ ބެހޭ ގޮތުން ވާހަކަދައްކަމުން ބުންޏެވެ.

ވިލީގެ އިތުރުން ލެއިޕްޒުގްގެ ޑިފެންޑަރު ކަމުގައިވާ ޑޭވިޑް ރައުމް ވެސް ވަނީ ރެފްރީގެ ނިންމުންތަކުން ރެއާލްއަށް ފައިދާ ވެގެންދިޔަ ކަމަށް ބުނެފައެވެ.

"އަހަންނަކަށް ނޭންގެ ކިހިނެއް ކަމެއް ވިނީޝިއަސްއަށް ރަތް ކާޑެއް ރެފްރީ ނުދެއްކީ. ރެފްރީ ރެއާލއގެ ކުޅުންތެރިންނާ މެދު ކަންކަން ކުރީ އަހަރެމެނަށްވުރެ މާ ރަނގަޅަށް" ރެފްރީގެ ނިންމުންތަކާމެދު ނުރުހުން ފާޅުކުރަމުން ރައުމް ބުންޏެވެ.

ރޭގައި ލެއިޕްޒިގް ރެއާލް އަތުން ކެޓި މެޗުގައި ރެފްރީގެ ނިންމުންތަކަށް ފާޑު ކިޔާފައިވަނީ ކްލަބުގެ ކުޅުންތެރިން އެކަންޏެއް ނޫނެވެ. "އެކްސް" ގައި އެކްލަބުގެ އޮފިޝަލް އެކައުންޓުން ވަނީ ރެފްރީ ވިނީޝިއަސްއަށް ރަތް ކާޑެއް ނުދައްކަން ނިންމި ނިންމުމާ ސުވާލު އުފައްދާފައެވެ.