އޮސްޓްރޭލިއާއަށް ނިސްބަތްވާ މި ފެޝަން ޑިޒަނަރު ބުނާ ގޮތުންނަމަ އޭނާއަކީ އެގައުމުގައި ހުރި އެންމެ ރަނގަޅު ބޮހެވެ.
އެންމެ ރަނގަޅު ބޮސް ކަމަށް އޭނާ ދައުވާ ކުރާ ބައެއް ސަބަބު ވެސް ވަނީ ހާމަކޮށްފައެވެ. އޭގެތެރޭގައި އޭނާގެ މުވައްޒަފުންނަށް އަބަދުވެސް ޑިޒައިނަރ ހެދުންދޭ ކަމަށް ބުނެފައިވެއެވެ. އޭގެ އިތުރުން އަގު ބޮޑު ރެސްޓޯރެންޓު ތަކުން ކާންދިނުމާއި، ފަސްޓް ކްލާސް ފްލައިޓުތަކުން ދަތުރު ކުރުމުގެ ފުރުސަތު ވެސް ދޭ ކަމަށް ބުނެފައިވެއެވެ.
މިއީ "އެބީސް ބައި އެބީ" ގެ ވެރިޔާ އެބީ ޚެއިރެވެ. އޭނާއަކީ މޮޅު ޑިޒައިނަރެކެވެ. އޭނާގެ މޮޅުކަމާއި ހުނަރުވެރި ކަމުގެ ސަބަބުން ހޮލީވުޑްގެ މަޝްހޫރު ތަރިންގެ މެދުގައި އޭނާވަނީ މަގުބޫލު މީހަކަށް ވެފައެވެ. މީގެ އިތުރުން އޭނާ މަޝްހޫރުވެފައިވާ އެހެން ކަމެއް ވެސް ވެއެވެ. އެއީ އެނާ ގެންގުޅޭ ފަސް ސަތޭކަ ހާސް ޑޮލަރުގެ ދަބަސް ކަލެކްޝަނެވެ.
ނޫހަކަށް ދީފައިވާ އިންޓަވިއުއެއްގައި އޭނާ ބުނެފައި ވަނީ އަބަދުވެސް އޭނާގެ މުވައްޒަފުންގެ މަސައްކަތް ބަލައިގަންނަ ކަމަށެވެ. އަދި ދޭތެރެއަކުން އަގުބޮޑު ހަދިޔާތައް ވެސް އެމީހުންނަށް ދޭ ހިތްވާ ކަމަށް ބުނެފައިވެއެވެ. އެގޮތަށް މުވައްޒަފުންނާމެދު އަމަލު ކުރުމުން އެމީހުންގެ މަސައްކަތުގެ އަގުވަޒަންކުރާ ކަމުގެ އިހުސާސް އެމީހުންނަށް ވާނެކަމަށް އޭނާ ބުންޏެވެ.
"އަހަރެންގެ މުވައްޒަފުން ތިބެނީ އުފަލުންކަން ޔަގީން ކުރުމުގެ އިތުރުން އެ މީހުންގެ މަސައްކަތް އަހަރެން ބަލައިގަންނަ ވަރު އިހުސާސް ކޮށްދިނުން އެއީ އަހަންނަށް ވަރަށް މުހިއްމު ކަމެއް. އަހަންނަކީ މަވައްޒަފުންނާ ގާތް ގުޅުމެއް ބާއްވާއިގެން މަސައްކަތް ކުރަން ބޭނުންވާ މީހެއް. މީގެ އިތުރުން އެއިން ކޮންމެ މުވައްޒަފަކަށް ވެސް އަހަރެން ވަރަށް އިހުތިރާމް ކުރަން،" އޭނާ ބުނެފައިވެއެވެ.
މުވައްޒަފުންގެ މަސައްކަތް ބަލައިގަންނަ ކަމުގެ އިހުސާސް އެމީހުންނަށް ކޮށްދިނުމުގެ ގޮތުން އެ މީހުން ސެލޫން ތަކަށް ގެންދެއެވެ. އަގުބޮޑު ރެސްޓޯރެންޓު ތަކަށް ގެންދެއެވެ. މީގެ އިތުރުން އޭނާ އަގުބޮޑެތި ދަބަސްތަކާއި ބޯޓުތައް ވެސް އޭނާގެ މުވައްޒަފުންނަށް ހަދިޔާ ކުރެއެވެ.
އޭބީގެ ދީލަތިކަމަށް މިވަރުން އަދި ނިމުމެއް އައީއެއް ނޫނެވެ. އޭނާގެ ޕަރސަނަލް އެސިސްޓެންޓަށް ވަނީ އުފަންދުވަހުގެ ބޮޑު ޕާޓީއެއް ވެސް ދީފައެވެ. އެކަން ކޮށްފައިވަނީ އޮފީސް ދަތުރެއްގައެވެ. މިފަދަ ޕާޓީއެއް ދިނީ އެ އަންހެން ކުއްޖާގެ އާއިލާއިން އޭނާގެ އުފަންދުވަސް ފާހަގަ ނުކުރާތީއެވެ. އެފަދަ ޕާޓީއެއް ދިނުމުން އެކުއްޖާއަކީ ހާއްސަ މީހެއްކަން އޭނާއަށް އިހުސާސް ވެގެންދާނެ ކަމަށް އެބީ ބުނެފައިވެއެވެ. މީގެ އިތުރުން އެބީ ވަނީ އެ އަންހެން ކުއްޖާއަށް ޑީޒައިނަރ ބޫޓަކާއި ދަބަހެއްގެ އިތުރުން ދަތުރެއް ވެސް ދީފައެވެ. ހަމަ ހަދިޔާއަކަށެވެ.
" އޭނާ އަހަރެންގެ މުވައްޒަފެއްގެ ގޮތުގައި ދެމިހުންނަހާ ހިނދަކު އަހަރެން ބޭނުން އެ އަންހެން ކުއްޖާއަށް ގެއްލުނު ހުރިހާ އުފަންދުވަސް ތަކަށް ވާވަރަށް އެދުވަސް ފާހަގަ ކޮށްދޭން،" އެބީ ބުނެފައިވެއެވެ.
އެބީ ބުނާގޮތުގައި މުވައްޒަފުންގެ އުފާވެރިކަން އޭނާއަށް އެހާ މުހިއްމީ އެމީހުން އުފާވެރިކަން މަތީ ބައިތިއްބައިގެން ފަރުވާތެރިކަމާއެކީ އެމީހުން ލައްވައި މަސައްކަތް ކުރުވުން ކަމަށެވެ. މުވައްޒަފުންނާ މެދު ރަނގަޅަށް ކަންތައް ކުރުމުން އެމީހުން ކުރާ މަސައްކަތުގެ ފެންވަރު ރަނގަޅު ކަމަށް އޭނާ ބުނެފައިވެއެވެ.
މި ދުވަސްކޮޅު ނޫސްތަކުގެ ފަލަ ސުރުހީ އެބީގެ ނަމުން ފަޅުފިލުވާފައިވަނީ އޭނާ 500 ހާސް ޑޮލަރުގެ ގެ "ޓޫ އޮފް އަ ކައިންޑް ބޭގް" އެއް ގަންނަން ޝައުގުވެރިކަން ފައުޅު ކުރި ފަހުންނެވެ. އޭނާ ވަނީ އެ ދަބަސްތައް މިލްކު ކުރުމުގެ އަޒުމުގައި އޭނާއަށް ބާޒާރު ކޮށްދޭ މީހާ މި ދަބަސްތައް ހޯދުމުގެ މިޝަންގައި ފޮނުވާފައިއެވެ.
އެބީ ބުނެފައިވަނީ އޭނާ އެ ދަބަސްތައް ގެންގުޅޭނީ ކަމަށެވެ. ނުވަތަ އޭނާގެ ދައްތަމެންނަށް ހަދިޔާ ކުރާނީ ކަމަށެވެ. އެބީ އަކީ ކޮންމެ ދުވަހަކު ދަބަހެއް ގެންގުޅޭ މީހެއް ނޫނެވެ. ނަމަވެސް އޭނާއަކީ އެ ދުވަހުގެ ތާވަލާއި ގެންގުޅޭ ތަކެއްޗާ ގުޅޭ ފަދަ ގޮތަކަށް ދަބަސް ގެންގުޅޭ މީހެކެވެ. އޭނާ އެންމެ ފަހުން ދަބަހެއް ގަނެފައިވަނީ ޑިއޯރ އިންނެވެ. "ސްނޭކް ސްކިން" ދަބަހުގެ އަގަކީ ފަނަރަ ހާސް ޑޮލަރެވެ.
އެނާގެ މިލްކިއްޔާތުގައި 50 ދަބަސް އޮވެއެވެ. މި ދަބަސްތަކުގެ ޖުމްލަ އަގު 500 ހާސް ޑޮލަރަށް އަރައެވެ. އޭނާ ވަނީ އެއްފަހަރު ހާރމްސް ގެ ބޭގެއް ގަތުމަށްޓަކައި އޮސްޓްރޭލިއާއިން ލަންޑަނަށް ވެސް ދަތުރު ކޮށްފައެވެ. އޭނާ ލަންޑަނަށް ދާންޖެހުނު ސަބަބަކީ އޭނާ ބެނުންވި ކުލައިގެ ދަބަހެއް އޮސްޓްރޭލިއާއިން ނުލިބުމެވެ،
އެބީއަށް މިހާ ބޮޑު ކުރިއެރުމެއް ލިބުނީ އޭނާގެ މަސައްކަތާއި ހިތްވަރުންނެވެ. އުމުރުން 21 އަހަރުގައި އޭނާ ހުޅުވީ ހެދުން ވިއްކާ ކުޑަ ފިހާރައެކެވެ. އެވިޔާފާރި ފުޅާކޮށް އޭނާ މިހާރު މިވަނީ މަލްޓި މިލިއަން ޑޮލަރުގެ ތަނަކަށް އެތަން ހަދައިފައެވެ.