ކުރެންދޫ ބިމުގެ ދަތިކަމުގެ މައްސަލައަށް ޙައްލު ހޯދައިދިނުމަށް މަސައްކަތްކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ޅ. ކުރެންދޫ ކައުންސިލާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ (އ.ތ.މ.) ކޮމިޓީއާ ބައްދަލުކުރައްވައި މިއަދު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިބައްދަލުކުރެއްވުން އޮތީ މިއަދު ކުރެންދޫ ޙަބަޝީ ޕްރީސްކޫލުގައެވެ.

ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ބަނދަރުގެ މަޝްރޫއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކާއި ރަށްގިރުމުގެ މައްސަލަ ހައްލުކުރުމާ ގުޅޭގޮތުންނާއި ބިމުގެ ދަތިކަމަށް ހައްލު ހޯދައިދިނުމާއި އިތުރު ހައުސިންގ ޔުނިޓްއެޅުމާއި އިޤުތިޞާދީ މަންފާ ހޯދުމަށް ކައުންސިލަށް ރަށެއް ހަމަޖައްސަވައިދެއްވުމުގެ މުހިންމުކަން ހިމެނެއެވެ. މީގެ އިތުރުން ސްކޫލުގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް އަވަހަށް ނިންމުމާއި ސިއްހީ މަރުކަޒުގެ ހިދުމަތުގެ ފެންވަރު މަތިކުރުމާއި ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށް ކުރަންހުރި ކަންތައްތައް ކައުންސިލުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުންވެސް ރަށުގެ އިގްތިސާދީ އަދި އިޖުތިމާޢި ތަރައްގީއަށް މުހިންމުކަންތައްތައް ކައުންސިލުން ފާހަގަކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ރައީސްވަނީ ކައުންސިލުން ފާހަގަކުރެއްވި މުހިންމު ކަންތައްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ. އަދި ކުރެންދޫ ގިރާ ސަރަޙައްދުގެ މައްސަލައަށް އެދެވޭ ހައްލެއް ގެނެސްދެއްވުމަށް މަސައްކަތްކޮށްދެއްވާނެކަމުގައި ރައީސް ވިދާޅުވިއެވެ.