މެންޗެސްޓާ ޔުނައިޓެޑުގެ މިސްރާބު އޮތީ ރަނގަޅު ދިމާލަކަށް ކަމަށް އެކްލަބުގެ ކޯޗު އެރިކް ޓެންހާގް ބުނެފިއެވެ.

ޓެންހާގް މިހެން ބުނެފައިވަނީ އޭނާގެ އިރުޝާދު ދަށުން ޔުނައިޓެޑުން 100 މެޗު ކުޅުމާ ބެހޭ ގޮތުން ވާހަކަދައްކަމުންނެވެ. ޓެންހާގްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑު ކުޅުނު 100 މެޗުގެ ތެރެއިން އެޓީމަށް މޮޅުވެވިފައި ވަނީ 61 މެޗުންނެވެ. މޮޅުވުމުގެ ރޭޓު 61 އިންސައްތައިގައި ހުރުމުން ޓީމުގެ މުސްތަގްބަލު އަލިކަން ހާމަކޮށްދޭ ކަމަށް ޓެންހާގަ ވަނީ ބުނެފައެވެ.

"100 މެޗުގެ ތެރެއިން 61 މެޗުން މޮޅުވެވުމުން އޭގެން އަންގައިދެނީ ޓީމުގެ މިސްރާބު މިއޮތީ ރަނގަޅު ދިމާލަކަށް ކަން. އަހަރެންގެ ކުރިން މިޓީމަށް ކޯޗު ކޮށްދިން ބޭފުޅުންނާ އަޅާބަލާއިރު 61 އިންސައިތައިގެ މޮޅުވުމުގެ ރޭޓެއް އެއީ ވަރަށް ރަނގަޅު" އޭނާގެ އިރުޝާދުގެ ދަށުގައި ޔުނައިޓެޑުގެ ނަތީޖާތައް ރަނގަޅު ކަމަށް ހާމަ ކުރަމުން ޓެންހާގް ބުންޏެވެ.

ޓީމުގެ ކުރިއެރުމަށް އެންމެ ބޮޑު ގޮންޖެހުމަކީ ޓީމުގެ ކުޅުންތެރިންނަށް ދިމާވާ އިންޖަރީތައް ކަމަށް ޓެންހާގު ވަނީ ބުނެފައެވެ. މިސީޒަނުގައި އެކަނި ޔުނައިޓެޑަށް ތަފާތު އެކި 48 އިންޖަރީއާ ކުރިމަތި ލާންޖެހިފައިވެއެވެ.

"އަހަރެމެނަށް އިންޖަރީތަކާ ކުރިމަތި ލާން ނުޖެހޭނަމަ މިއަށްވުރެ ވެސް މާގިނަ މެޗު ކާމިޔާބު ކުރެވޭނެ. އިންޖަރީތަކުގެ ގޮންޖެހުން ނެތްނަމަ އަހަަންނަށް ވަރަށް ޔަގީން 100 މެޗުގެ ތެރެއިން 75 މެޗު އަހަރެމެނަށް ކާމިޔާބު ކުރެވުނީސް ކަން" ޔުނައިޓެޑަށް, ހުއްޓުމެއް ނެތި ކުރިމަތިވަމުން އަންނަ އިންޖަރީތަކާ ބެހޭ ގޮތުން ވާހަކަދައްކަމުން ޓެންހާގް ބުންޏެވެ.

އެވަޓޮންއާ ދެކޮޅަށް ޔުނައިޓެޑުން ކުޅޭ މެޗަށް އެޓީމުން ނިކުންނަން ޖެހޭނީ ފުރަތަމަ އެގާރައިގެ 10 ކުޅުންތެރިންނާ ނުލައެވެ. ޔުނައިޓެޑުގެ އިންޖަރީތަކުގެ ހާލަތުގެ ނާޒުކު ކަން މިކަމުން ހާމަވެގެންދެއެވެ. އެވަޓޮންއާ ދެކޮޅަށް ޔުނައިޓެޑުން ނިކުންނަ އިރު އެޓީމުން މިވަގުތު އޮތީ އިނގިރޭސި ޕްރިމިއާ ލީގުގެ ހަވަނައިގައެވެ