ކުޅުދުއްފުށި ސިޓީ މަގުހެދުމުގެ މަޝްރޫއުގެ ދަށުން މިވަގުތު ކުރިއަށްދަނީ ވެޔޮދޮށުމަގު އިރުމަތީ ކޮޅުން އިތުރުކުރެވުނު ބައިގައި އަދި އުމަރުކަލޭފާނު މަގުގައި ތާރު އެޅުމުގެ މަސައްކަތް ކުރަމުން ކަމަށް އެ މަޝްރޫއު ހިންގަމުން އަންނަ ކުންފުނި ކަމުގައިވާ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ން ބުނެފިއެވެ.

އެ ކޯޕަރޭޝަނުން އިތުރަށް ބުނީ އެ ރަށުގެ ހޭނަކަތާ ހިނގުމުގައި ކީވޯލްޖެހުމާއި ކާރބްސްޓޯން ޖެހުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށެވެ.

އާރްޑީސީން ބުނެފައިވާގޮތުގައި ކުޅުދުއްފުށި ސިޓީ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން މިވަގުތު ޖުމްލަކޮށް 72 އިންސައްތަ މަސައްކަތްވަނީ ނިމިފައެވެ. މީގެ ތެރެއިން ޖުމްލަ 4 މަގެއްގައި ތާރު އެޅުމުގެ މަސައްކަތްވަނީ ނިންމާލެވިފައިވާ ކަމަށާއި އަދި އިތުރު މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ތާވަލު ކުރެވިފައިވާ ގޮތަށް އަންނަނީ ކުރަމުން ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.

އަދި މަގުތަކުގައި ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ރޭވިފައިވާ ގޮތަށް ދަނީ ކުރަމުން ކަމަށާއި އެގޮތުން މަގުތައް ކޮމްޕެކްޓް ކުރުމާއި ތާރު ކުރިން ޖަހާ ބިޓްމެން (އެމްސީ-30) ސްޕޭ ޖެހުމާއި އެނޫންވެސް ކަންކަން ހުއްޓުމެއް ނެތި ދަނީ ކުރަމުން ކަމަށް އެ އާރްޑީސީން ވަނީ ބުނެފައެވެ.

މި މަޝްރޫއުގެ މަސައްކަތް ފެށުނީ 10 ޖޫން 2021 ގައިއެވެ. މި މަޝްރޫއަކީ 100,700,048.55 ރުފިޔާގެ މަޝްރޫއެކެވެ.