އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑު އަދި އެވަޓަން ބައްދަލު ކުރި މެޗު 2-0 ގެ ނަތީޖާއަކުން, ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކުރުމަށް މަސައްކަތް ކުރަމުންދާ މެންޗެސްޓަރ ޔުނައިޓެޑުން ކާމިޔާބު ކޮށްފިއެވެ.
ޔުނައިޓެޑުގެ އޯލްޑް ޓްރެފޯޑް ސްޓޭޑިއަމަށް އެވަޓޮންއިން ނިކުތްއިރު, އެންމެ ފަހުން ލީގުގައި ކުޅުނު 10 މެޗުގެ ތެރެއިން އެންމެ މެޗެއް ވެސް އެޓީމަށް ކާމިޔާބު ކުރެވިފައެއް ނުވެެއެވެ. މިއާއެކު އެވަޓޮން ވަނީ މުޅި ލީގުގައި ވެސް މެޗަކުން މޮޅުނުވެ އެންމެ ގިނަ މެޗު ކުޅެފައިވާ ޓީމަށް ވެފައެވެ. ޔުނައިޓެޑުން މިމެޗަށް ނިކުތްއިރު އެޓީމުން ވަނީ އެންމެ ފަހުން އެވަޓޮންއާ ދެކޮޅަށް ކުޅުނު ތިން މެޗު ވެސް ކާމިޔާބު ކޮށްފައެވެ.
މެޗުގައި ޔުނައިޓެޑުގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ މެޗުގެ 12 ވަނަ މިނެޓުގައެވެ. މިލަނޑަކީ ލިބުނު ޕެނަލްޓީއެއް ގޯލުގެ ތެރެއަށް ވައްދާލައިގެން ބްރޫނޯ ފާނަންޑޭސް ކާމިޔާބު ކުރި ލަނޑެކެވެ. ޔުނައިޓެޑުން އެޓީމުގެ ލީޑު ދެގޯލަށް ފުޅާކުރީ މެޗުގެ 36 ވަނަ މިނެޓުގައެވެ. މިލަނޑަކީ ވެސް ޕެނަލްޓީއަކުން ކާމިޔާބު ކުރި ލަނޑެކެވެ. މިޕެނަލްޓީ އެޓީމަށް ކާމިޔާބު ކޮށްދިނީ މާކަސް ރަޝްފޯޑެވެ. މެޗުގައި ލިބުނު ދެޕެނަލްޓީގެ ފައިދާ ނަގައިގެން ޔުނައިޓެޑު ވަނީ މެޗު ކާމިޔާބު ކޮށްފައެވެ.
މެޗުން ލިބުނު ތިން ޕޮއިންޓާއެކު ޔުނައިޓެޑުން އޮތީ, ކުޅުނު 28 މެޗުން ލިބުނު 47 ޕޮއިންޓާއެކު ތާވަަލުގެ ހަވަނައިގައެވެ. އެޓީމުގެ ކުރިއަށް ފަސްވަނައިގައި އޮތް ޓޮޓެންހަމަށް ލިބިފައިވަނީ 50 ޕޮއިންޓެވެ. ނަމަވެސް ޓޮޓެންހަމް ފަސްވަނައިގައި އޮތީ ޔުނައިޓެޑަށްވުރެ ދެމެޗު މަދުން ކުޅެގެން ކަމަށްވާތީ އެފަރަގު ބޮޑުކުރުމުގެ ފުރުސަތު ޓޮޓެންހަމަށް އެބައޮތެވެ. މެޗުން ނާކާމިޔާބުވި އެވަޓޮން އޮތީ, ކުޅުނު 28 މެޗުން ލިބުނު 25 ޕޮއިންޓާއެކު ތާވަލުގެ 16 ވަނައިގައެވެ.