އިނގިރޭސި ޕްރިމިއާ ލީގުގައި ބްރެންޓްފޯޑް އަތުން 2-1 އިން މޮޅުވެ ލީގުގެ އެއްވަނައަށް އާސެނަލުން ޖެހިލައިފިއެވެ.
އާސެނަލްގެ ދަނޑު ކަމުގައިވާ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗަށް އާސެނަލުން ނިކުތީ ޓީމުގެ ފުރަތަމަ އެގާރައިގެ ގޯލްކީޕަރު ޑޭވިޑް ރާޔާގެ ބަދަލުގައި އެރޮން ރަމްސްޑޭލް ގޯލަށް ލައިގެންނެވެ. ރާޔާ, އާސެނަލްގައި ހުރީ ބްރެންޓްފޯޑުގެ ފަރާތުން ލޯނެއްގެ މަތިން ކަމަށްވާތީ އޭނާ މިމެޗުގައި ކުޅުމަކީ މަނާކަމެކެވެ.
ރޭގެ މެޗުގައި އާސެނަލްގެ ފަރާތުން ފެނިގެންގޮސްފައިވަނީ ވަރުގަދަ ކުޅުމެކެވެ. އެގޮތުން އެޓީމުން ވަނީ މެޗުގެ 19 ވަނަ މިނެޓުގައި ލަނޑު ޖަހާ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޑެކްލަން ރައިސްއެވެ.
މެޗުގެ ފުރަތަމަ ހާފުގެ ވަގުތު ހަމަވެ ކުޅުނު އިތުރު ވަގުތުގައި އާސެނަލްގެ ކީޕަރު ރަމްސްޑޭލްއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ބްރެންޓްފޯޑުގެ ޔޯން ވިސާ ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ވިސާގެ ގޯލާއެކު ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1 އިން ނަތީޖާގައި އެއްވެސް ފަރަގެއް ނެތިއެވެ.
ދެވަނަ ހާފުގައި އާސެނަލް ވަނީ ޓީމުގެ ކުޅުން އިތުރަށް ރަނގަޅުކޮށް, ލަނޑު ޖަހަން އެތައް ރަނގަޅު ފުރުސަތުތަކެއް އުފައްދާފައެވެ. މޮޅު ކުޅުމެއް ދައްކަމުން ދިޔަ ބްރެންޓްފޯޑުގެ ޑިފެންސް ލައިން ފޫއަޅުވާލުމަށްފަހު އާސެނަލްއަށް ގޯލެއް ޖެހުނީ މެޗުގެ 86 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޖަރުމަނުގެ ތަރި ކައި ހަވާޓްޒެވެ. ހަވާޓްޒްގެ ގޯލާއެކު އާސެނަލް ވަނީ މެޗު ކާމިޔާބު ކޮށް ތާވަލުގެ އެއްވަނައަށް ޖެހިލައިފައެވެ.
އާސެނަލުން ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު 28 މެޗުން ލިބުނު 64 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ލިވަޕޫލަށް ލިބިފައިވަނީ 63 ޕޮއިންޓެވެ. ތިންވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް ލިބިފައިވަނީ 62 ޕޮއިންޓެވެ. ނަމަވެސް ލިވަޕޫލާއި ސިޓީ ކުޅެފައިވަނީ އާސެނަލްއަށްވުރެ އެއް މެޗު މަދުން ކަމުން އާސެނަލް ފަހާލައި އެއްވަނައަށް އެރުމުގެ ފުރުސަތު ދެޓީމަށް ވެސް އެބައޮތެވެ. މެޗުން ނާކާމިޔާބުވި ބްރެންޓްފޯޑު އޮތީ, ކުޅުނު 28 މެޗުން ލިބުނު 26 ޕޮއިންޓާއެކު ތާވަލުގެ 15 ވަނައިގައެވެ.