މި ބަރަކާތްތެރި ރަމަޟާންމަހު ދޮގު ހެދުން ފަދަ ނޭދެވޭ އާދަތަކާ ދުރުހެލިވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރައްވައިފިއެވެ.

ރައީސް މި އިލްތިމާސްކުރެއްވީ އިއްޔެ ނައިފަރު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ދެއްކެވި ވާހަކަފުޅު ކުރިއަށް ގެންދަވަމުން، މާތް އަހުލާގާ ރިވެތި އާދަތައް އަށަގެންނެވުމަށް ރަނުގެ ފުރުސަތެއްގެ ގޮތުގައި ބޭނުން ހިފުމަށާއި އެކަކު އަނެކަކަށް އަޅައިލާ އޯގާތެރި މުޖުތަމައަކަށް މިދިވެހި މުޖުތަމައު ހެދުމަށް މި ރަމަޟާންމަހު ހާއްސަ މަސައްކަތްތަކެއް ކޮށްދެއްވުމަށް އެދިވަޑައިގަތެވެ. އަދި މި ރަމަޟާން މަހަކީ ތަގުވާވެރިކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުސަތެއްކަންވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މީގެއިތުރުން މި ހަގީގަތާ އެއްގޮތަށް ރީތިބަހުރުވައިން ވާހަކަ ދެއްކުމަށް އާދަހިފަން މަސައްކަތްކުރުމަށާ، ކުޑަކުދިންނާ ޒުވާނުންނާ ބޮޑެތި މީހުންނަށް އިހުތިރާމު އަދާކުރުމަށް ބާރުއަޅައި، ރިވެތި އުޅުމާ ސުލޫކުގެ މަތީ ދެމިތިބެން އެންމެން އެކުގައި މަސައްކަތްކުރުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ދިވެހިރައްޔިތުންގެ ކިބައިން އެދިވަޑައިގަތެވެ.

އަދި ވާދަވެރިކަމުގެ ތެރޭގައި ވެސް ދޮގަށް ފުރުސަތުނުދީ އެކަކު އަނެކަކަމަށް ހެޔޮގޮތުގައި މުއާމަލާތުކުރުން އިސްކުރުމަށްވެސް ރައީސްގެ ވާހަކަފުޅުގައި ވަނީ އެދިވަޑައިގެންފައެވެ.