ޖަރުމަނުގެ ބުންޑަސްލީގާގައި މައިންޒްއާ ދެކޮޅަށް ކުޅުނު މެޗު 8-1 އިން ކާމިޔާބުކޮށް ބަޔާން މިއުނިކުން އެޓީމުގެ ފެންވަރު ދައްކާލައިފިއެވެ.

ބަޔާނުގެ ދަނޑު ކަމުގައިވާ އެލިއަންޒް އެރީނާ ސްޓޭޑިއަމްގައި ކުޅުނު މެޗު ބަޔާނުން ފަށާފައިވަނީ ވަރުގަދަ ކޮށެވެ. އެގޮތުން މެޗުގެ 13 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ހެރީ ކޭންއެވެ. މެޗުގެ 19 ވަނަ މިނެޓުގައި ލިއޮން ގޮރެޓްޒްކާ ކާމިޔާބު ކުރި ލަނޑާއެކު ބަޔާނުން ވަނީ އެޓީމުގެ ލީޑު ދެގޯލަށް ފުޅާކޮށްފައެވެ.

މެޗުގެ 31 ވަނަ މިނެޓުގައި މައިންޒް ވަނީ ލަނޑެއް ޖަހާ, ބަޔާނުގެ ލީޑު ކުޑަކޮށްފައެވެ. މިލަނޑަކީ, ލިބުނު ހިލޭ ޖެހުމަކުން ނަޑިއެމް އަމީރީ ކާމިޔާބު ކޮށްދިން ލަނޑެކެވެ. މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ހަމަވެ ކުޅުނު އިތުރު ވަގުތުގައި ހެރީ ކޭން ވަނީ މެޗުގައި އޭނާގެ ދެވަނަ ލަނޑު ޖަހާ ބަޔާނުގެ ލީޑު އަނެއްކާ ވެސް ދެގޯލަށް އިތުރުކޮށްފައެވެ. ކޭންގެ ލަނޑާއެކު ފުރަތަމަ ހާފު ނިމިގެންދިޔައީ 3-1 އިން ބަޔާން ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ބަޔާންގެ ފަރާތުން ފެނިގެންދިޔައީ އާދަޔާހިލާފު މޮޅު ކުޅުމެކެވެ. ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި ތޯމަސް މުލާ ވަނީ ބަޔާނުގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކޮށްދީފައެވެ. ބަޔާނުގެ ފަސްވަނަ ލަނޑު ފެނިގެންގޮސްފައިވަނީ މެޗުގެ 61 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޓީމުގެ ޒުވާން ތަރި ޖަމާލް މުސިއާލާއެވެ.

މެޗުގެ 66 ވަނަ މިނެޓުގައި ސާޖް ގްނާބްރީ ވަނީ ބަޔާނުގެ ހަވަނަ ލަނޑު ޖަހާ, އެޓީމުގެ ލީޑު ފަސް ގޯލަށް ފުޅާކޮށްދީފައެވެ. އޭގެ 4 މިނެޓު ފަހުން ކޭން ވަނީ ބަޔާނުގެ ހަތްވަނަ ލަނޑު ކާމިޔާބު ކޮށް, އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. ބަޔާނުގެ އެންމެ ފަހު ލަނޑު ފެނިގެންގޮސްފައިވަނީ މެޗުގެ ނުވަދިހަ މިނެޓު ހަމަވެ ކުޅުނު އިތުރު ވަގުތުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގައި ބަޔާންގެ ދެވަނަ ލަނޑު ކާމިޔާބު ކުރި ގޮރެޓްޒްކާއެވެ.

މިލިބުނު ބޮޑު މޮޅާއެކު ބަޔާނުން ވަނީ އެއްވަނައިގައި އޮތް ލެވާކޫސަންއާ އޮތް ފަރަގު ކުޑަ ކޮށްފައެވެ. ބަޔާނުން މިވަގުތު އޮތީ ކުޅުނު 25 މެޗުން ލިބުނު 57 ޕޮއިންޓާއެކު ތާވަލިގެ ދެވަނައިގައެވެ. އެއްވަނައިގައި ލެވަކޫސަން އޮތީ ބަޔާނަށްވުރެ ހަތް ޕޮއިންޓު އިތުރަށް ހޯދައިގެންނެވެ. އެޓީމު ވަނީ ކުޅުނު 24 މެޗުން 64 ޕޮއިންޓު ހޯދާފައެވެ. މެޗުން ނާކާމިޔާބުވި މައިންޒް އޮތީ ކުޅުނު 25 މެޗުން ލިބުނު 16 ޕޮއިންޓާއެކު ތާވަލުގެ 17 ވަނައިގައެވެ.