ސްޕެނިޝް ލަލީގާގައި ކަޑިޒް, ވަރުގަދަ އެޓްލެޓިކޯ މެޑްރިޑް 2-0 އިން ބަލިކޮށްފިއެވެ.

ކަޑިޒްގެ ދަނޑުކަމުގައިވާ އެސްޓާޑިއޯ ނުއެވޯ މިރަންޑިއްލާގައި ކުޅުނު މެޗުގައި ދެޓީމުގެ ފަރާތުން ފެނިގެންގޮސްފައިވަނީ ވަރަށް ވާދަވެރި ކުޅުމެކެވެ. މެޗުގައި ކަޑިޒްއިން ލީޑު ނަގާފައިވަނީ ފުރަތަމަ ހާފުގެ 24 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކަޑިޒްގެ ހުއަންމީއެވެ. ހުއަންމީގެ ލަނޑާއެކު ކަޑިޒްއިން ފުރަތަމަ ހާފު ނިންމާލީ އެއް ލަނޑު ސުން ލަނޑުން ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގެ 64 ވަނަ މިނެޓުގައި ކަޑިޒްއިން ވަނީ އެޓީމުގެ ލީޑު ދެގޯލަށް ފުޅާކޮށްފައެވެ. މިލަނޑު ވެސް އެޓީމަށް ކާމިޔާބު ކޮށްދިނީ ހުއަންމީއެވެ. ކަޑިޒްގެ ލީޑު ދެގޯލަށް އިތުރުކުރުމާއެކު އެޓްލެޓިކޯއިން ވަނީ ޓީމުގެ ކުޅުން ރަނގަޅުކޮށް ގޯލެއް ޖެހުމަށް އެތައް ފުރުސަތުތަކެއް ފަހިކޮށްފައެވެ. އެގޮތުން އެޓްލެޓިކޯގެ މާކޮސް ލޮރެންޓޭ ބޮލުން ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ކަޑިޒްގެ ގޯލްކީޕަރު ވަނީ ހުށިޔާރުކަމާއެކު މަތަކޮށްފައެވެ. މެޗު ނިމިގެންދިޔައިރު ވެސް ކަޑިޒްގެ ވަރުގަދަ ޑިފެންސް ފޫއަޅުވާ ނުލެވުމުން އެޓްލެޓިކޯއަށް ވަނީ ހުސްއަތާ އެނބުރި އަމިއްލަ ރަށަށް ދާން ޖެހިފައެވެ.

މެޗުން ބަލިވުމާއެކު އެޓްލެޓިކޯއަށް ވަނީ ތިންވަނައިގައި އޮތް ބާސެލޯނާއާ އޮތް ފަރަގު ކުޑަ ކުރުމުގެ ފުރަަސަތު ގެއްލިފައެވެ. އެޓްލެޓިކޯ އޮތީ ކުޅުނު 28 މެޗުން ލިބުނު 55 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނައިގައެވެ. ތިންވަނައިގައި ބާސާ އޮތީ ކުޅުނު 28 މެޗުން ލިބުނު 61 ޕޮއިންޓާއެކުގައެވެ. 62 ޕޮއިންޓާއެކު ދެވަނައިގައި އޮތީ ޖިރޯނާއެވެ. ލީގުގެ އެއްވަނައިގައި 66 ޕޮއިންޓާއެކު އޮތީ ވަރުގަދަ ރެއާލް މެޑްރިޑެވެ. އެޓްލެޓިކޯ ބަލިކުރި ކަޑިޒް އޮތީ ކުޅުނު 28 މެޗުން ލިބުނު 22 ޕޮއިންޓާއެކު ތާވަލުގެ 18 ވަނައިގައެވެ.