ސްޕެނިޝް ލަލީގާގައި 2-1 އިން އޮސަސޫނާ ބަލިކޮށް ޖިރޯނާއިން ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ.

ޖިރޯނާގެ ދަނޑު ކަމުގައިވާ އެސްޓާޑި މޮންޓިލިވިގައި ކުޅުނު މެޗު ޖިރޯނާއިން ފަށާފައިވަނީ ވަރަށް ވަރުގަދަކޮށެވެ. އެގޮތުން މެޗުގެ 13 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މިގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ މިޑްފީލްޑަރު ޕޯޓޫއެވެ. ޕޯޓޫގެ ގޯލާއެކު ޖިރޯނާއިން ފުރަތަމަ ހާފު ނިންމާލީ 1-0 އިން ކުރީގައި އޮވެގެންނެވެ.

ޖިރޯނާގެ ދެވަނަ ލަނޑު ފެނިގެންގޮސްފައިވަނީ މެޗުގެ 86 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބްރެޒިލްގެ ޒުވާން ތަރި ސާވިއޯއެވެ. މެޗުގައި އޮސަސޫނާއަށް ސުން ކަނޑާ ނުލެވުނުއިރު, ޖިރޯނާގެ ގޯލާ އަމާޒުކޮށް އެޓީމަށް ފޮނުވާލެވިފައިވަނީ އެންމެ ހަމަލާއެކެވެ.

މެޗުން މޮޅުވުމާއެކު ޖިރޯނާ ވަނީ ތާވަލުގެ ދެވަނައަށް ޖެހިލައިފައެވެ. އެޓީމުން ތާވަލުގެ ދެވަނައިގައި އޮތީ ކުޅުނު 28 މެޗުން ލިބުނު 62 ޕޮއިންޓާއެކުގައެވެ. ތާވަލުގެ އެއްވަނައިގައި އޮތީ ސްޕެއިންގެ ގަދަ ބާރެއް ކަމުގައިވާ ރެއާލް މެޑްރިޑެވެ. ރެއާލް އެއްވަނައިގައި އޮތީ ކުޅުނު 27 މެޗުން ލިބުނު 66 ޕޮއިންޓާއެކުގައެވެ. މެޗުން ބަލިވި އޮސަސޫނާ އޮތީ, ކުޅުނު 28 މެޗުން ލިބުނު 36 ޕޮއިންޓާއެކު ތާވަލުގެ ދިހަވަނައިގައެވެ.