ޖަރުމަނުގެ ބުންޑަސްލީގާގައި ވާޑާ ބްރޭމެންއާ ދެކޮޅަށް ކުޅުނު ވާދަވެރި މެޗު 2-1 އިން ޑޯޓްމަންޑް ކާމިޔާބު ކޮށްފިއެވެ.

ބްރޭމެންގެ ދަނޑު ކަމުގައިވާ ވޮނިވެސްޓް ވެސާ ސްޓޭޑިއޮންގައި ކުޅުނު ވާދަވެރި މެޗުގައި އެންމެ ފުރަތަމަ ލީޑު ނަގާފައިވަނީ ޑޯޓްމަންޑްއިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ, މެޗުގެ 21 ވަނަ މިނެޓުގައި ޑޮންޔެން މެލެންއެވެ. މެޗުގެ 38 ވަނަ މިނެޓުގައި ޑޯޓްމަންޑުން ވަނީ އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ޖޭޑޮން ސަންޗޯއެވެ.

ދެގޯލުގެ ލީޑެއްގައި އޮތް ޓޯޑްމަންޑާ ދެކޮޅަށް މެޗުގެ އޮއިވަރު އެނބުރުނީ, މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެޓީމުގެ މިޑްފީލްޑަރު މާސެލް ސަބިޓްޒާއަށް ދެއްކި ރަތް ކާޑުގެ ސަބަބުންނެވެ. ސަބިޓްޒާއަށް ދެއްކި ރަތް ކާޑާއެކު ޑޯޓްމަންޑަށް ޖެހުނީ މެޗުގެ ފަހު ހާފު އެއް ކުޅުންތެރިޔެއް މަދުކޮށް ކުޅޭށެވެ.

10 ކުޅުންތެރިންނާއެކީ ދެވަނަ ހާފަށް ނިކުތް ޑޯޓްމަންޑް ކައިރިން ބްރޭމެންއަށް ސުން ކަނޑާލެވުނީ މެޗުގެ 70 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޓީމުގެ ފޯވާޑް ޖަސްޓިން ނީމާއެވެ. ބްރޭމެންއަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވުމާއެކު ޑޯޓަމަންޑަށް ވަނީ 10 ކުޅުންތެރިންނާއެކު މެޗު ކާމިޔާބު ކުރެވިފައެވެ.

މިލިބުނު މޮޅާއެކު ޑޯޓްމަންޑް އޮތީ ތާވަލުގެ ހަތަރުވަނައިގައެވެ. އެޓީމުން ހަތަރުވަނައިގައި އޮތީ ކުޅުނު 25 މެޗުން ލިބުނު 47 ޕޮއިންޓާއެކުގައެވެ. ތާވަލުގެ ތިންވަނައިގައި އޮތް ސްޓުޓްގާޑްއަށް ލިބިފައިވަނީ 53 ޕޮއިންޓެވެ. ތާވަލުގެ ދެވަނައިގައި 57 ޕޮއިންޓާއެކު އޮތީ ބަޔާން މިއުނިކެވެ. 64 ޕޮއިންޓާއެކު ލީގުގެ އެއްވަނައިގައި އޮތީ ބަޔާ ލެވަކޫސެންއެވެ. މެޗުން ނާކާމިޔާބުވި ބްރޭމެން އޮތީ, ކުޅުނު 25 މެޗުން ލިބުނު 30 ޕޮއިންޓާއެކު ތާވަލުގެ ނުވަވަނައިގައެވެ.