މީގެ ސާދަ އަހަރު ކުރިން، ސްޓެލްކޯއިން ބަންދުކޮށްފައި އޮތް ދޮންއަދަރާދަ ހިނގުން އަލުން ރޭގެ ވަގުތެއްގައި ހުޅުވައިފިއެވެ.

އެ މަގު ހުޅުވައިދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާއި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ފަހުމީ ވިދާޅުވީ ދޮންއަދަރާދަމަގު ހުޅުވާލުމުގެ މަސައްކަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާއި އެކު ކުރެވުނު މަސައްކަތެއްކަމަށެވެ. ފަހުމީ ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ފަސޭހަވާނެ ހުރިހާކަމެއް ކުރުމަށް ރައީސް އިރުޝާދު ދެއްވާފައިވާކަމަށެވެ.

ދޮންއަދަރާދަ ހިނގުން 2010 ވަނަ އަަހަރު ބަންދުކުރީ މާލޭގެ އިތުރުވަމުންދާ ކަރަންޓުގެ ޑިމާންޑަށް ކޭޓާ ކުރުމަށްޓަކައި، ކެޕޭސިޓީ އިތުރުކުރުމަށް އޭރު ރާވާފައިވާ ފޯތު ޕަވަރ ޕްރޮޖެކްޓް ފެށުން ލަސްވެ، އެކަމަށް ހައްލެއް ހޯދުމަށްޓަކައި، ދޮންއަދަރާދަ ހިނގުމަށް ވާގޮތަށް އިންޖީނުގެއެއް އެޅުމަށެވެ.އެގޮތުން މިމަގު ހިމެނޭ ސަރަހައްދުގައި އެތަނުގައި 17 އިންޖީނު ހިންގަމުން އައިސްފައި ވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މަގު ހުޅުވުމުގެ މަސައްކަތަށް 4.8 މިލިއަން ރުފިޔާ ހަރަދު ވެފައިވެއެވެ.

މި ރަސްމިއްޔާތުގައި ސްޓެލްކޯއާއި ޓްރާންސްޕޯޓް މިނިސްޓްރީގެ އިސް ބައެއް ބޭފުޅުންނާއި މުވައްޒަފުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.