ލިވަޕޫލުގެ ކޯޗު ޔާގަން ކްލޮޕު, ވާދަވެރި މެންޗެސްޓާ ސިޓީގެ ކޯޗުކަމުގައިވާ ޕެޕް ގާޑިއޯލާގެ ހުނަރުވެރި ކަމަށް ތައުރީފު ކޮށްފިއެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ ތާވަލުގެ އެއްވަނައަށް ވާދަކުރަމުންދާ ދެޓީމުން މިރޭ ބައްދަލު ކުރާ މެޗުގެ ކުރިން ވާހަކަދައްކަމުން ކްލޮޕު ވަނީ, ގާޑިއޯލާއަކީ އޭނާގެ މުޅި ހަޔާތުގައި ވެސް ފެނުނު އެންމެ ހުނަރުވެރި ކޯޗު ކަމަށް އޭނާ ގަބޫލުކުރާ ކަމަށް ހާމަކޮށްފައެވެ.
"އަހަންނަށް އެނގޭ ހުނަރުވެރި ކޯޗުން ފާހަގަކުރަން. ގާޑިއޯލާއަކީ ހުނަރުގެ ގޮތުން ބަލާނަމަ އެންމެ މަތީ ފެންވަރުގެ ކޯޗެއް. އޭނާ ކޯޗުކޮށްދޭ ހުރިހާ ޓީމަކަށް ވެސް އޭނާ ގެނެސްދޭ ކާމިޔާބީތަކުން އެކަން އަހަރަމެނަށް ވަރަށް ރަނގަޅަށް ސާފުވޭ" ގާޑިއޯލާގެ ހުނަރުވެރި ކަމަށް ތައުރީފު ކުރަމުން ކްލޮޕު ބުންޏެވެ.
ގާޑިއޯލާއަކީ އޭނާއަށް ފެނުނު އެންމެ މޮޅު ކޯޗުކަމަށް ކްލޮޕު ބުނިކަމުގައިވިއަސް, ދަނޑުމަތީގެ ރެކޯޑު ބުރަވަނީ ކްލޮޕުގެ ކޮޅަށެވެ. ދެކޯޗުން ބައްދަލުވެފައިވާ 29 މެޗުގެ ތެރެއިން 12 މެޗުން ކްލޮޕު މޮޅުވެފައިވާއިރު ގާޑިއޯލާއަށް ކްލޮޕު ކައިރިން މޮޅު ވެވިފައިވަނީ 11 ފަހަރެވެ.
"އަހަންނަށް އެނގޭ ގާޑިއޯލާއާ ދެކޮޅަށް ކުޅުނު މެޗުތަކުން އަހަރެންކަން ގިނައިން މޮޅުވެފައި އޮތީ. ވަރަށް ގަބޫލުނުކުރެވޭ ކަމެއް އެއީ ހަގީގަތަށް ބުނާނަމަ. އަހަންނަކީ ވެސް މޮޅު ކޯޗެއް އެކަމަކު ދުނިޔޭގެ އެއްވަނައަކީ ކާކުހޭ އަހާފިނަމަ އަހަރެން ބުނާނީ ގާޑިއޯލާއޭ" އޭނާއާއި ގާޑިއޯލާގެ ވާދަވެރިކަމާ ބެހޭ ގޮތުން ވާހަކަދައްކަމުން ކްލޮޕު ބުންޏެވެ.
ތާވަލުގެ އެއްވަނައަށް ޖެހިލުމުގެ އުއްމީދުގައި ނިކުންނަ ސިޓީއާއި ލިވަޕޫލުގެ ވާދަވެރި މެޗު އޮންނާނީ މިރޭ 20:45 ގައެވެ.
މިމެޗަށް ނިކުންނައިރު ލިވަޕޫލު އޮތީ 63 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައެވެ. ސިޓީ އޮތީ 62 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ. އެއްވަނައިގައި އޮތް އާސެނަލްއަށް ލިބިފައިވަނީ 64 ޕޮއިންޓެވެ. އެހެންކަމުން މިރޭގެ މެޗު ކާމިޔާބު ކުރާ ޓީމަކަށް އާސެނަލް ފަހާލައި ތާވަލުގެ އެއްވަނައަށް ޖެހިލެވޭނެއެވެ.