މަސްތުވާތަކެތި ވިއްކުމާއި ޓްރެފިކް ކުރުމާގުޅޭ ކަންކަން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރަމުންދާތީ އެކަންކަން ހުއްޓުމުގެ ގޮތުން ކަނޑުދަތުރުފަތުރު ކުރާ އުޅަނދުފަހަރުގައި "ވެސެލްސް ޓްރެކިންގ ޑިވައިސް" ހަރުކޮށް މޮނިޓަރކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސް މިގޮތަށް ނިންމެވީ މިއަދު ރައީސް އޮފީހުގައި ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.
ވެސެލް ޓްރެކިންގ ޑިވައިސްއެއް ހަރުކޮށް މޮނިޓަރކުރުމަށް ނިންމަވާފައި ވަނީ މަސްތުވާތަކެތި ވިއްކުމާއި ޓްރެފިކް ކުރުމަކީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ކުރާ ވިޔަފާރިއަކަށް ވެފައި އަދި ފުލުހުންނަށް މިކަން ހުއްޓުވުމުގެ އޮޕަރޭޝަންތައް ހިންގުމަށް ފަސޭހަކުރުމަށްޓަކައެވެ.
ވަޒީރުންގެ މަޖިލީގުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑުދަތުރުކުރާ އުޅަނދުފަހަރުގައި ޓްރެކިންގ ޑިވައިސްއެއް ހަރުކުރުމަށް ލާޒިމުކުރުމަށް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަންދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދު (2015/R-229) އިސްލާހު ގެންނެވުމަށްވެސް ނިންމަވާފައެވެ.
އަދި މި ޑިވައިސް ހަރުކުރާ އުޅަނދުތަކުގެ ހަރަކާތްތައް މޮނިޓަރ ކުރުމުގެ އިންތިޒާމު ދިވެހި ފުލުހުންގެ ހިދުމަތުގެ މެރިޓައިމް އޮޕަރޭޝަން ސެންޓަރުގައާއި އަދި އެމް،އެން.ޑީ.އެފްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ގައި ހަމަޖެއްސެވުމަށްވެސް މިއަދުގެ ވަޒީރުންގެ މަޖިލީހުގައި ވަނީ ނިންމަވައިފައެވެ.