އިނގިރޭސި ޕްރިމިއާ ލީގުގައި ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި 1-1 އިން އެއްވަރުވުމުން ތާވަލުގެ އެއްވަނަ ދިފާއު ކުރުމުގެ ފުރުސަތު ލިވަޕޫލަށް ގެއްލިއްޖެއެވެ.
ލިވަޕޫލުގެ އެންފިލްޑް ސްޓޭޑިއަމްގައި ކުޅުނު ވާދަވެރި މެޗަށް ލިވަޕޫލުން ނިކުތީ އެޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ ކަމުގައިވާ މުހައްމަދު ސަލާހު ފުރަތަމަ އެގާރައިގައި ނުހިމަނައެވެ.
މެޗު ފެށިގެން ދެޓީމުގެ ވެސް ވަނީ ގޯލު ޖެހުމަށް އެތައް ފުރުސަތުތަކެއް ފަހިކޮށްފައެވެ. ވާދަވެރިކޮށް ދިޔަ މެޗުގައި ފުރަތަމަ ލީޑު ނަގާފައިވަނީ ސިޓީއެވެ. މިލަނޑު އެޓީމުން ކާމިޔާބު ކޮށްފައިވަނީ ފުރަތަމަ ހާފުގެ 23 ވަނަ މިނެޓުގައެވެ. މިލަނޑަކީ ކެވިން ޑިބްރުއިނާ ނަގައިދިން ކޯނަރަކުން ޖޯން ސްޓޯންސް ކާމިޔާބު ކުރި ލަނޑެކެވެ. ސްޓޯންސްގެ ލަނޑާއެކު ފުރަތަމަ ހާފު ނިމިގެންދިޔައީ އެއް ލަނޑު ސުން ލަނޑުން ސިޓީ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި ލިވަޕޫލު ވަނީ ކުޅުން އިތުރަށް ރަނގަޅުކޮށް ގޯލެއް ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ފަހިކޮށްފައެވެ. އެގޮތުން މެޗުގެ 50 ވަނަ މިނެޓުގައި ލިވަޕޫލުން ވަނީ ލަނޑު ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިލަނޑަކީ ލިބުނު ޕެނަލްޓީއަކުން އެލެކްސިސް މެކް އެލިސްޓާ ކާމިޔާބު ކުރި ލަނޑެކެވެ.
މެޗުގެ 60 ވަނަ މިނެޓުގައި ސަލާހު ކުޅުމުގެ ތެރެއަށް ވަނުމާއެކު ލިވަޕޫލުން ވަނީ ސިޓީގެ ގޯލަށް އިތުރަށް ނުރައްކާ ކޮށްފައެވެ. އެގޮތުން ސަލާހު ފޮނުވާލި ބޯޅައަކުން ހުސްކޮށް ލިބުނު ފުރުސަތެއް ލުއިސް ޑިއާޒްއަށް ވަނީ ނިންމާ ނުލެވިފައެވެ. އަނެއްކޮޅުން ސިޓީގެ ފޯވާޑް ޖެރެމީ ޑޯކޫ ފޮނުވާލި ބޯޅައެއް ވަނީ އަރިމަތީ ދަނޑީގައި ޖެހިފައެވެ.
ދެޓީމަށް ވެސް ލީޑު ނަގަން ލިބުނު ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ނުހިފުމާއެކު މެޗު ނިމިގެންދިޔައީ 1-1 އިން އެއްވަރުވެ, ދެޓީމަށް ވެސް އެއް ޕޮއިންޓުން ފުއްދާލަން ޖެހިގެންނެވެ.
މެޗުން އެއްވަރުވުމާއެކު ލިވަޕޫލަށް ވަނީ ތާވަލުގެ އެއްވަނަ ދިފާއު ނުކުރެވިފައެވެ. އެޓީމުން އޮތީ, ކުޅުނު 28 މެޗުން ލިބުނު 64 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައެވެ. އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ލިބިފައިވަނީ 64 ޕޮއިންޓެވެ. ނަމަވެސް ގޯލުގެ ތަފާތުން ކުރީގައި އޮތީ އާސެނަލްކަމުން އެޓީމުން އޮތީ އެއްވަނައިގައެވެ. ސިޓީ އޮތީ, ކުޅުނު 28 މެޗުން ލިބުނު 63 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ.