އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓޮން ވިލާއާ ދެކޮޅަށް ކުޅުނު މެޗު, 4-0 އިން ފަސޭހަ ކަމާއެކު ޓޮޓެންހަމުން ކާމިޔާބުކޮށްފިއެވެ.
އެސްޓޮން ވިލާގެ ދަނޑު ކަމުގައިވާ ވިލާ ޕާކުގައި ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅެފައިވަނީ ޓޮޓެންހަމެވެ. މެޗުގައި ޓޮޓެންހަމުގެ ފުރަތަމަ ގޯލު ފެނިގެންގޮސްފައިވަނީ ދެވަނަ ހާފުގެ 50 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޖޭމްސް މެޑިސަންއެވެ. އޭގެ ތިން މިނެޓު ފަހުން ޓޮޓެންހަމްގެ ބެން ޖޯންސަން ވަނީ އެޓީމުގެ ލީޑު ދެގޯލަށް އިތުރުކޮށްދީފައެވެ.
ވިލާއަށް މެޗުގައި ކަންކަން ގޯހުން ގޯހަށް ދިޔައީ އެޓީމުގެ ކެޕްޓަން ޖޯން މެގިންއަށް މެޗުގެ 65 ވަނަ މިނެޓުގައި ދެއްކި ރަތް ކާޑުގެ ސަބަބުންނެވެ. މެގިން, ޓޮޓެންހަމްގެ މިޑްފީލްޑާ އުޑޮގީގެ ފައިގައި ގަސްތުގައި ޖެހިކަމަށް ބަލާފައި ރެފްރީ ވަނީ މެގިންއަށް ސީދާ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލާފައެވެ. އެއާއެކު އެސްޓޮން ވިލާއަށް ވަނީ މެޗުގެ ބާކީ ބައި އެންމެ ދިހަ ކުޅުންތެރިންނާއެކީ ކުޅެން މަޖުބޫރުވެފައެވެ.
ދިހަ ކުޅުންތެރިންނާއެކީ ކުޅެމުން ދިޔަ އެސްޓޮން ވިލާ ކައިރިން ޓޮޓެންހަމްގެ ތިން ވަނަ ލަނޑު ފެނިގެންގޮސްފައި ވަނީ މެޗުގެ ނުވަދިހަ މިނެޓު ހަމަވެ ކުޅުނު އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ހިޔުންގް މިން ސޮންއެވެ. އޭގެ ތިން މިނެޓު ފަހުން, ބަދަލު ކުޅުންތެރިޔެއް ގޮތުގައި އެރި ޓީމޯ ވާނާ ވަނީ ޓޮޓެންހަމުގެ ހަތަރު ވަނަ ލަނޑު ޖަހައިދީ ފެންވަރުގައި މެޗު ނިންމާލާފައެވެ.
މިލިބުނު މޮޅާއެކު ޓޮޓެންހަމް އޮތީ, ކުޅުނު 27 މެޗުން ލިބުނު 53 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނައިގައެވެ. އެސްޓޮން ވިލާ އޮތީ ކުޅުނު 28 މެޗުން ލިބުނު 55 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނައިގައެވެ. ނަމަވެސް ޓޮޓެންހަމުން ކުޅެފައިވަނީ އެސްޓޮން ވިލާއަށްވުރެ އެއް މެޗު މަދުން ކަމުން އެސްޓޮން ވިލާ ފަހާލައި ހަތަރުވަނައަށް ޖެހިލުމުގެ ފުރުސަތު އެޓީމަށް އެބައޮތެވެ.