ޖަރުމަނުގެ ބުންޑަސްލީގާގައި ވޫލްފްސްބާގް އަތުން 2-0 އިން މޮޅުވެ ބަޔާ ލެވަކޫސަންއިން ލީގުގެ އެއްވަނައިގައި ދިހަ ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

ލެވަކޫސަންގެ ދަނޑު ކަމުގައިވާ ބޭއެރީނާ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ލެވަކޫސަންގެ ފަރާތުން ފެނިގެންގޮސްފައިވަނީ ވަރުގަދަ ކުޅުމެކެވެ. އެގޮތުން އެޓީމުން ވަނީ ފުލުފުލުން އެތައް ހަމަލާތަކެއް ވޫލްފްސްބާގްގެ ގޯލަށް އަމާޒުކޮށް ފޮނުވާލާފައެވެ.

ލެވަކޫސަންގެ ނުރައްކާތެރި ހަމަލާތައް ދިފާއު ކުރުމަށް މަސައްކަތް ކުރަމުން ދިޔަ ވޫލްފްސްބާގަށް މެޗުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ މެޗުގެ 28 ވަނަ މިނެޓުގައި އެޓީމުގެ ޑިފެންޑަރު މޮރިޓްޒް ޔެންޒްއަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމެވެ. އެެއާއެކު ވަރުގަދަ ލެވަކޫސަންއާ ދެކޮޅަށް މެޗުގެ ބާކީ ބައި ކުޅެން އެޓީމަށް ޖެހުނީ އެއް ކުޅުންތެރިޔެއް މަދުކޮށެވެ.

ލެވަކޫސަންއިން މެޗުގައި ލީޑު ނަގާފައިވަނީ ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ނޭތަން ޓެއްލާއެވެ. ލެވަކޫސަންގެ ފަހު ލަނޑު ފެނިގެންގޮސްފައިވަނީ ދެވަނަ ހާފުގެ 86 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ފްލޯރިއަން ވާޓްޒްއެވެ.

މެޗުން މޮޅުވުމާއެކު ލެވަކޫސަން ވަނީ ތާވަލުގެ އެއްވަނައިގައި 10 ޕޮއިންޓުގެ ލީޑެއް ގާއިމުކޮށްފައެވެ. އެޓީމުން ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު 25 މެޗުން ލިބުނު 67 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ބަޔާން މިއުނިކަށް ލިބިފައިވަނީ 57 ޕޮއިންޓެވެ. މެޗުން ބަލިވި ވޫލްފްސްބާގް އޮތީ, ކުޅުނު 25 މެޗުން ލިބުނު 25 ޕޮއިންޓާއެކު ތާވަލުގެ 13 ވަނައިގައެވެ.