ސްޕެނިޝް ލަލީގާގައި ސެލްޓާ ވީގޯ 4-0 އިން ބަލިކޮށް ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފިއެވެ.

ރެއާލުގެ ދަނޑު ކަމުގައިވާ ސެންޓިއާގޯ ބަރްނަބާއޫ ސްޓޭޑިއަމްގައި ރެއާލުގެ ފަރާތުން ފެނިގެންގޮސްފައިވަނީ ތަފާތު މޮޅު ކުޅުމެކެވެ. އެޓީމުން ވަނީ މެޗުގައި ގޯލު ޖަހަން 25 ފުރުސަތު ފަހިކޮށް, އޭގެތެރެއިން 13 ހަމަލާ ގޯލާ އަމާޒުކޮށް ފޮނުވާލާފައެވެ.

މެޗުގައި ރެއާލުން ލީޑު ނަގާފައިވަނީ ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މިސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ވިނީޝިއަސް ޖޫނިއާއެވެ. ރެއާލުން އެޓީމުގެ ލީޑު ދެގޯލަށް އިތުރު ކުރީ މެޗުގެ 79 ވަނަ މިނެޓުގައެވެ. މިލަނޑަކީ ސެލްޓާ ވީގޯގެ ގޯލްކީޕަރު ވިންސެންޓް ގުއައިޓާ އަތުން ބައިކޮޅަށް ވަދެގެންދިޔަ ލަނޑެކެވެ.

އޭގެ ނުވަމިނެޓު ފަހުން ސެލްޓާ ވީގޯގެ ޑިފެންޑަރު ކާލޯސް ޑޮމިންގޭޒް އަތުން ބައިކޮޅަށް ވަދެގެންދިޔަ ލަނޑާއެކު ރެއާލުން ވަނީ އެޓީމުގެ ލީޑު ތިން ގޯލަށް ފުޅާކޮށްފައެވެ. ރެއާލުގެ ފަހު ގޯލު ފެނިގެންދިޔައީ މެޗުގެ ނުވަދިހަ މިނެޓު ހަމަވެ ކުޅުނު އިތުރު ވަގުތުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިޔެއް ގޮތުގައި އެރި އާރްޑާ ގޫލާއެވެ. މިލަނޑަކީ, މިސީޒަނުގައި ރެއާލްއާ ގުޅުނު ގޫލާ އެޓީމަށް ކާމިޔާބު ކޮށްދިން އޭނާގެ ފުރަތަމަ ލަނޑެވެ. ގޫލާގެ ލަނޑާއެކު ރެއާލުން ވަނީ ތަފާތު ބޮޑު ނަތީޖާއަކުން މެޗު ކާމިޔާބު ކޮށްފައެވެ.

މެޗުން މޮޅުވުމާއެކު ރެއާލްއަށް ވަނީ ތާވަލުގެ އެއްވަނައިގައި ހަތް ޕޮއިންޓުގެ ލީޑެެއް ނެގިފައެވެ. އެޓީމުން ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު 28 މެޗުން ލިބުމު 69 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ޖިރޯނާއަށް ލިބިފައިވަނީ 62 ޕޮއިންޓެވެ. ތިންވަނައިގައި އޮތް, ރެއާލުގެ ޒަމާންވީ ވާދަވެރިން ކަމުގައިވާ ބާސެލޯނާއަށް ލިބިފައިވަނީ 61 ޕޮއިންޓެވެ. މެޗުން ނާކާމިޔާބުވި ސެލްޓާ ވީގޯ އޮތީ, ކުޅުނު 28 މެޗުން ލިބުނު 24 ޕޮއިންޓާއެކު ތާވަލުގެ 17 ވަނައިގައެވެ.