އިޓާލިއަން ސެރީއާގައި އެމްޕޮލީއާ ދެކޮޅަށް ކުޅުނު މެޗު 1-0 އިން ކާމިޔާބު ކޮށް ލީގުގެ ދެވަނައަށް އޭސީ މިލާނުން ޖެހިލައިފިއެވެ.
މިލާނުގެ ދަނޑު ކަމުގައިވާ ސޭންސީރޯގައި ކުޅުނު މެޗަށް މިލާނުން ނިކުތްއިރު އެޓީމުން އޮތީ ވަރަށް ރަނގަޅު ފޯމެއްގައެވެ. ޑިސެންބަރު މަހުން ފެށިގެން ލީގުގައި ދެވަނައަށް އެންމެ ގިނަ ޕޮއިންޓު ހޯދާފައިވާ ޓީމަކީ މިލާނެވެ. އެމްޕޮލީ މިމެޗަށް ނިކުތްއިރު, މިލާނާ ދެކޮޅަށް އެންމެ ފަހުން ކުޅުނު 17 މެޗުގެ ތެރެއިން އެޓީމަށް ކާމިޔާބު ކުރެވިފައިވަނީ އެންމެ މެޗެކެވެ.
ރޭގެ މެޗުގައި ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅެފައިވަނީ މިލާނުންނެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މިލާނުން ކާމިޔާބު ކޮށްފައިވަނީ ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ, ނޯއާ އޮކަފޯ ފަހިކޮށްދިން ފުރުސަތަކުން ކްރިސްޓިއަން ޕުލިސިކްއެވެ. މިލާނުގެ ގޯލަށް އެމްޕޮލީއަށް ރައްދެއް ނުދެވުމާއެކު މިލާނަށް ވަނީ މެޗު ކާމިޔާބުކޮށް ތާވަލުގެ ދެވަނައަށް ޖެހިލެވިފައެވެ.
މިލާނުން ތާވަލުގެ ދެވަނައަށް އެރީ ކުރިން ދެވަނައިގައި އޮތް ޔުވެންޓަސް ފަހާލުމަށްފަހުގައެވެ. މިލާނުން ތާވަލުގެ ދެވަނައިގައި އޮތީ, ކުޅުނު 28 މެޗުން ލިބުނު 59 ޕޮއިންޓާއެކުގައެވެ. ތިންވަނައިގައި އޮތް ޔުވެންޓަސްއަށް ލިބިފައިވަނީ 58 ޕޮއިންޓެވެ. ތާވަލުގެ އެއްވަނައިގައި, 75 ޕޮއިންޓާއެކު އޮތީ އިންޓަ މިލާނެވެ. މެޗުން ބަލިވި އެމްޕޮލީ އޮތީ, ކުޅުނު 28 މެޗުން ލިބުނު 25 ޕޮއިންޓާއެކު ތާވަލުގެ 16 ވަނައިގައެވެ.