އަހުމަދާއި ހަސަނަކީ އެއް ދާއިރާއެއްގައި މަސައްކަތްކުރާ ދެ އެކުވެރީންނެވެ. އެއްފަހަރަކު މި ދެ އެކުވެރީންނަށް ރާއްޖެއިން ބޭރަށް ދިޔުމަށް ދަތުރެއް ލިބުނެވެ. މި ދަތުރުގައި އަހުމަދާއި ހަސަނު ދިޔައީ ޕިލިޕީންސްގެ ވެރިރަށް މެނީލާ އަށެވެ. އެތާގައި އޮތް އޭޝިއާގެ ޤައުމުތަކުގެ ސެމިނާރަކަށެވެ.

އަހުމަދާއި ހަސަނު ބައިވެރިވާ ސެމިނާރު އޮތީ މި ދެމީހުން ބައިތިއްބާފައި ތިބި ހޮޓަލުގައެވެ. މި ދެމީހުން ނޫނަސް މި ސެމިނާރުގައި ބައިވެރިވާން އައިސްތިބި ހުރިހާ ޤައުމުތަކެއްގެ މީހުންވެސް ތިބީ ހަމަ މި ހޮޓަލުގައެވެ. ވަރަށް ފުރިހަމަޔަށް ހުރިހާ ކަމެއް ތައްޔާރުކޮށްފައިވާ ފަސްތަރީގެ ހޮޓަލެކެވެ. ކޮންމެ މީހަކަށް ސިޓިންރޫމަކާއި އެކުވާ ވަކި ކޮޓރިއެއް ހުއްޓެވެ.

މި ސެމިނާރު ބާއްވާ ހޮޓަލާއި ވަރަށް ކައިރީގައި ސްޕާއެއް ހުރެއެވެ. މިއީ ހަސަނު ވަރަށް ހިތްހަމަނުޖެހޭތަނަކަށް ވިޔެވެ. އަބަދުވެސް ސްޕާއަށް ނުދިޔުމަށް އެންމެންނަށް ނަސޭހަތްތެރިވެއެވެ. ސެމިނާރުގެ ގަޑިތަކަށް މީހަކު ލަހުން ހާޒިރުވިޔަސް ސްޕާއަށް ދިޔަކަމަށް ޝައްކުކޮށް ވާހަކަ ދައްކައެވެ.

ކޮންމެ އަކަސް ސެމިނާރު ނިމެން އެއްދުވަހަށް ވުމުން އެ ދުވަހުގެ ހެނދުނު ހަސަނު އަހުމަދު ގާތު ބުނެފިއެވެ. ސެމިނާރު ނިމޭ ދުވަހުގެރޭ އަހަރެން ރާއްޖެ ދާން ބޭނުމެވެ. ނަމަވެސް ކުރިން ދެމީހުން ޕިލިޕީންސަށް މި އައީ ސެމިނާރު ނިމިގެން އެއްދުވަހު މަޑުކޮށްލާފައި ދާ ގޮތަށެވެ. ހަސަނު މިގޮތަށް ނިންމުމުން އަހުމަދު އެންމެ ރަނގަޅޭ ބުންޏެވެ. އެކަމަކު ތިމަންނަ ދާނީ ޓިކެޓްގައި އޮތްގޮތަށް އެއްދުވަސް މަޑުކޮށްލުމަށްފަހު ބާޒާރުކޮށްލައިގެން ކަމަށްވެސް ބުންޏެވެ. އެ ދުވަހުގެ މެންދުރުގެ ކެއުން ނިމުމުން ހަސަނު ހޮޓަލުގެ ރިސެޕްޝަންގައި އިން ކުއްޖައާ ޓިކެޓް ބަދަލު ކުރުމަށް ވާހަކަ ދެއްކިއެވެ. އެކުއްޖާ ބުނީ ޕާސްޕޯޓާއި އެކު ޓިކެޓްގެ ކޮޕީއެއް ގެނެސް ދިނުމަށެވެ. މިހެން ބުނުމުން ހަސަނު ކޮޓަރިއަށް ގޮސް އެތައް އިރެއްވި އިރުވެސް ނައެވެ.

ހަވީރު ސެމިނާރު ފެށުމުގެ ކުރިން ހަސަނު އަހުމަދާއި ބައްދަލުކޮށް ޕާސްޕޯޓް ގެއްލިއްޖޭ ބުނެފިއެވެ. އަހުމަދު ބުނީ ސެމިނާރު ނިންމާލާފައި ގޮސް ހޯދާނީ ކަމަށެވެ. ކޮންމެއަކަސް ސެމިނާރު ނިމިގެން ދެމީހުން ގޮސް ޕާސްޕޯޓް ހޯދަންފަށައިފިއެވެ. ހަސަނުގެ ކޮޓަރީގެ ބެޑްޝީޓް ނަގައި ގޮދަޑިއާއި ބާލީސްތައްވެސް ނަގައި ހޯދަން ފަށއިފިއެވެ. ހުރިހާ އަލަމާރިތައްވެސް ބަލައިފިއެވެ. ނަމަވެސް ޕާސްޕޯޓެއް ނުފެނުނެވެ. އެންމެފަހު ސެމިނާރުގައި ބައިވެރިވި އެހެން ޤައުތަކުގެ މީހުނާއިވެސް މިކަން ހިއްސާ ކޮށްފިއެވެ. ކޮންމެ މީހަކުވެސް ބުނަނީ ހަސަނު ކޮންމެ ތަނަކަށްވެސް ދަނީ ޕާސްޕޯޓް ހިފައިގެން ކަމަށެވެ. އެހެންކަމުން ހަސަނު ދިޔަތަންތަން ހަނދާންކޮށް އެތަންތަން ބަލަންވީ ކަމަށެވެ. މި އެންމެން ވެގެން ހޮޓަލުގެ ހުރިހާތަނެއް ބަލައި ނިމުނު އިރު ރޭގަނޑު 9 އެއްވެސް ޖަހައިފިއެވެ.

ސެމިނާރުގެ ހުރިހާ ބައިވެރިންވެސް ވަރަށް ކަންބޮޑުވެ، ރިސެޕްޝަންގެ ގޮނޑިތަކުގައި އިށީނދެލައިގެން ތިއްބައި ބޭރުން ހޮޓަލަށް އައިސް އަންހެން ކުއްޖަކު ވަދެއްޖެއެވެ. އެކުއްޖާގެ އަތުގައި ވަރަށް ރީތި ކޮތަޅެއް އޮތެވެ. މި ކުއްޖާ އައިސް ރިސެޕްޝަންގައި އިން ކުއްޖައާއި ވާހަކަ ދައްކަން ފަށައިފިއެވެ. އަދި އަތުގައި އޮތް ކޮތަޅުން އެއްޗެއް ނަގައި ދެއްކިއެވެ. އިރުކޮޅަކުން ރިސެޕްޝަންގައި އިން ކުއްޖާ އަތުގެ އިޝާރާތުން ހަސަނު ދެއްކިއެވެ. ބޭރުން އައި ކުއްޖާ ހަސަނު ގާތަށް އައިސް ކޮތަޅު ދިއްކޮށްލާފައި ބުންޏެވެ. "ސާރ އައި ތިންކް ދިސް އިޒް ޔުއާރޒް".

އެންމެން ހައިރާންވެގެން ކޮތަޅު ހުޅުވަލީ އިރު ކަމަކު ދާކަން ނެތެވެ. ކޮތަޅުގައި ހުރީ ހަސަނުގެ ޒާތީ ސާމަނާއި ޕާސްޕޯޓެވެ. ދެން އެންމެން އަވަސްވެގަތީ މީ ހޮޓަލުގެ ކޮންޑިޕާޓްމެންޓެއްގައި މަސައްކަތް ކުރާ ކުއްޖެއްތޯ ބަލައި އެކުއްޖާއަށް ޝުކުރު އަދާކުރުމަށެވެ. ކަމުގެ ދެކޮޅު ހޯދައި ބެލިއިރު މި ކުއްޖާ މިވީ އެއްކަލަ ހަސަނު އެތަނަކާ ނުރުހޭ، އެންމެންގާތު އެތަނަށް ނުދިޔުމަށް ނަސޭހަތްދޭ ސްޕާގައި ޚިދުމަތްދޭން ހުންނަ ކުއްޖަކަށެވެ. އެންމެން ސުވާލުގެ ނަޒަރަކުން ހަސަނާ ދިމާއަށް ބަލަން ފެށުމުން ބުންޏެވެ. އަހަންނެއް ނުދަމެވެ. ދެން އަހުމަދު ހުރެފައި ބުނެލިއެވެ. ހަސަނެއް ނުދެއެވެ. އެކަމަކު ހަސަނުގެ ޕާސްޕޯޓް ދިޔައީ ކިހިނެއް ހެއްޔެވެ؟