އިޓާލިއަން ސެރިއާގައި ރޭގައި ކުޅުނު މެޗު 2-2 އިން އެއްވަރުކޮށް އެޓަލަންޓާއިން ވަރުގަދަ ޔުވެންޓަސް ހިފަހައްޓާލައިފިއެވެ.
ޔުވެންޓަސްގެ އެލިއަންޒް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ރަނގަޅަށް ކުޅެފައިވަނީ ޔުވެންޓަސްއިންނެވެ. ނަމަވެސް ކުޅުމުގެ އޮއިވަރާ ހިލާފަށް މެޗުގައި އެންމެ ފުރަތަމަ ލީޑު ނަގާފައިވަނީ އެޓަލަންޓާއިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ, މެޗުގެ 35 ވަނަ މިނެޓުގައި ޓެއުން ކޮޕްމައިނާސްއެވެ. ޓެއުންގެ ލަނޑާއެކު ފުރަތަމަ ހާފު ނިމިގެންދިޔައީ އެއް ލަނޑު ސުން ލަނޑުން އެޓަލަންޓާ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި ޔުވެންޓަސް ވަނީ ކުޅުން އިތުރަށް ރަނގަޅުކޮށް, މެޗުގެ 66 ވަނަ މިނެޓުގައި ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަންޑްރެއާ ކަމްބިއާސޯއެވެ. އޭގެ ހަތަރު މިނެޓު ފަހުން ޔުވެންޓަސްގެ އަރްކަޑިއޫޝް މިލިކް ކާމިޔާބު ކުރި ލަނޑާއެކު އެޓީމުން ވަނީ މެޗުގެ ނަތީޖާ އަނބުރާލާފައެވެ.
ޔުވެންޓަސްއަށް މެޗުގައި ލީޑު ހިފެހެއްޓުނީ އެންމެ ފަސް މިނެޓަށެވެ. މެޗުގެ 75 ވަނަ މިނެޓުގައި ޓެއުން ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި އަނެއްކާ ވެސް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗުގައި އިތުރަށް, ދެޓީމުން ކުރެ އެއްޓީމަކަށް ވެސް ލަނޑެއް ޖެހިފައި ނުވާތީ މެޗު ނިމިގެންދިޔައީ ދެޓީމުންގެ މެދުގައި އެއްވެސް ފަރަގެއް ނެތިއެވެ.
މިމެޗުން އެއްވަރުވުމާއެކު ޔުވެންޓަސް ވަނީ ތާވަލުގެ ތިންވަނައަށް ވެއްޓިފައެވެ. އެޓީމުން ތާވަލުގެ ތިންވަނައިގައި އޮތީ ކުޅުނު 28 މެޗުން ލިބުނު 58 ޕޮއިންޓާއެކުގައެވެ. ޔުވެންޓަސް ފަހާލައި ތާވަލުގެ ދެވަނައަށް ޖެހިލައިފައިވާ ޓީމަކީ އޭސީ މިލާނެވެ. އެޓީމުން ދެވަނައިގައި އޮތީ ކުޅުނު 28 މެޗުން ލިބުނު 59 ޕޮއިންޓާއެކުގައެވެ. ތާވަލުގެ އެއްވަނައިގައި 16 ޕޮއިންޓުގެ ލީޑަކާއެކު އޮތީ އިންޓާ މިލާނެވެ. އެޓީމަށް ވަނީ ކުޅުނު 28 މެޗުން 75 ޕޮއިންޓު ލިބިފައެވެ. ޔުވެންޓަސް ހިފަހައްޓާލި އެޓަލަންޓާ އޮތީ, ކުޅުނު 28 މެޗުން ލިބުނު 47 ޕޮއިންޓާއެކު ތާވަލުގެ ހަވަނައިގައެވެ.